މާލެ އަތޮޅު ތުޅާގިރި ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިގައި ހުރި ތަކެތި އޮޔާދާތީ، އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އެ އުޅަނދުގެ ބައެއްތަކެތި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށްކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 03:08 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއިއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ޑައިވަރުންނާ އެކު އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިގޮތުން ކުރެވުނު މަސައްކަތުން ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން 4 މީހުން ރޭގެ ވަގުތެއްގައި ސަލާމަތްކޮށްފައިވާކަމަށާއި، ގެއްލިފައިވާ ތިން މީހުންގެތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ނަގާފައިވާކަމަށް ބުންޏެވެ. އަދި އަޑިއަށް ގޮސްފައިވާ ކޮޅުވެއްޓީގައިތިބި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި ކުރަމުންދާކަމަށްވެސް ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ކޮޅުވެއްޓި، މާލެއިން ފުރައިގެން ކ. އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ކ.ތުޅާގިރި ކައިރިއަށް ރޭ ބަންޑުން ޖަހާލުމާ ގުޅިގެންނެވެ.