ދައުލަތުގެ 13 ކުންފުންޏަކުން ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ނުދިން މައްސަލައެއް، އަމިއްލަ ކުންފުންޏަކުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ކޮމިޓީއަށް ފޮނުވި ސިޓީއަކުން އެ މައްސަލަ ހުށަހަޅާފައި ވަނީ މެޑެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މެޑެކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައި ވަނީ ދައުލަތުގެ 13 ކުންފުންޏަކުން އެ ކުންފުންޏަށް 6.5 މިލިޔަން ދޭންޖެހޭ ކަމަށެވެ. އެއީ އެ ކުންފުނިތަކަށް މެޑެކްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ކަމަށްވެސް މެޑެކްސް އިން ބުނެފައިވެއެވެ.
އެ ކުންފުނިތަކުގެ ތެރޭގައި، މިފްކޯ، ދިރާގު، ފެނަކަ، ފިއުލް ސަޕްލައި، އެޗްޑީސީ، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް، އެމްޓީސީސީ، އާރު ޑީސީ، ވެމްކޯ، އެސްޓީއޯ، އެމްޕީއެލް، ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަކީ ކުންފުނިތަކަށް ފައިސާ ހޯދަދޭ ކޮމިޓީއެއް ނޫން ކަމަށާއި، ބަޔަކަށް ދައުލަތުން ފައިސާ ދޭން އޮވެއްޖެ ނަަމަ އެކަން ކުރާނީ އެ ކުންފުންޏާއެކު ނުވަތަ ފިނޭންސް މިނިސްޓްރީން ކަަމަށެވެ. އަދި ކަމާގުޅުން ހުރި ފަރާތްތަކާ ގުޅިގެން އެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ފަރާތަށް ދެންނެވުމަށް ކެލާ ދާއިރާގެ މެންބަރު ޝަރީފް ހުށަހަޅުއްވައި، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ތާއީދު ކުރެއްވި އެވެ.
ހުށަހެޅުން ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.