މެންބަރުންގެ ރަސްމީ ހެދުމުގެ ގަވައިދާ ޚިލާފު ވެއްޖެނަމަ ފިޔަވަޅު އަޅަން ފާސްކޮށްފި

މެންބަރުންގެ ރަސްމީ ހެދުމުގެ ގަވައިދާ ޚިލާފު ވެއްޖެނަމަ ފިޔަވަޅު އަޅަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ޖަލްސާ ތަކުގައި އަޅުއްވަންޖެހޭ ރަސްމީ ހެދުމަކީ ކޮބައިކަން ކަނޑައަޅައި އެއާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

ގަވާއިދުގައި އެ އުސޫލު ހިމެނުމަށްޓަކައި އާއްމު ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ހުށަހެޅުއްވީ މެންބަރުން ހެދުން އަޅަންވީ ގޮތް މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގައި ހިމެނުމަށެވެ.

މަޖިލިސް ރައީސް މި ބަދަލު ގެންނަން ހުށަހެޅުއްވީ މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން ހާޒިރު ނުކުރާތީ އެކަމާ ދެކޮޅަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން އިހުތިޖާޖު ކުރުމުގެ ގޮތުން ޓައީ އެޅުން ހުއްޓާލުމާ ގުޅިގެންނެވެ.

އެ އިސްލާހު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވުމުން މަޖިލީހުން ގެނައި އިތުރު އިސްލާހު ތަކާއެކު މިއަދު ވަނީ މަޖިލިސް ގަވާއިދުގައި އެކަންތައް ހިމަނަން ފާސް ކޮށްފައެވެ.

މި އުސޫލުގައި ރަސްމީ ހެދުން ކަމަށް ބަޔާން ކޮށްފައިވަނީ، ދިވެހި ރާއްޖޭގައި ރަސްމީ ހެދުމުގެ ގޮތުގައި ބޭނުންކުރާ އަންނަނިވި ހެދުމުން ކުރެ ހެދުމެއް ކަމަށެވެ.

އެއީ:

ކޯޓު ފަޓުލޫނާއި ޓައީ

ގަމީހާއި ޓައީ

ފަޓްލޫނާއި ގައުމީ ހެދުން

އަންހެން މެންބަރެއް ނަމަ ރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާ ހިލާފު ނުވާގޮތަށް ހުންނަ ރަސްމީ ހެދުން

މީގެ އިތުރުން މަޖިލިސް މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ، މަޖިލީހުގެ ޖަލްސާ ތަކާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާ ކުރުގެ ރަސްމިއްޔާތުގެ މަޖިލިސް ޖަލްސާގައި، ފިރިހެން މެންބަރުން ތިބޭނީ ކޯޓު ފަޓުލޫނާއި ޓައީ، ނުވަތަ ގައުމީ ހެދުމުގައި ކަމަށާއި، އަންހެން މެންބަރުން ތިބޭނީ، ކޯޓު ނުވަތަ ކޯޓު ފަޓުލޫނު ނުވަތަ ގައުމީ ހެދުމުގައި ކަމަށްވެސް ވަނީ ހިމަނައިފައެވެ.

މަޖިލީހަށް އައުން ހުއްދަ ނޫން ހެދުންވެސް މި އުސޫލުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުމާއި ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުމާއި އަހުލާގީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުމެވެ. އަދި އެއްވެސް ބާވަތެއްގެ ޖިންސެއް، ގިނަ ޖީބު ލާފައި ހުންނަ ދިގު އަދި ކުރު ހަރުވާޅު، ޓީޝާޓު ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުންވެސް ހިމެނެއެވެ. އަދި ފެން ފައިވާނާއި ޓެނިސް، ޖޮގިން ޝޫޒްވެސް އޭގެ ތެރޭގައި ހިމަނާފައި ވެއެވެ.

މެންބަރުންގެ އިތުރުން މަޖިލީހަށް ވަދެ ތިބޭ އެހެން ފަރާތް ތަކުން ވެސް އަމަލު ކުރަން ވާނީ މި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއުސޫލާ ހިލާފުވާ މެންބަރުންނަށް މަޖިލިސް ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަަޅު އެޅޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އެ މާއްދާގެ ދަށުން އެޅޭނެ ފިޔަވަޅުތައް:

އަމަލު ކުށްވެރިކޮށް، އެކަމާ ގުޅޭގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން.މެންބަރު އެކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާންކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން.ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުމުން މަހްރޫމްކުރުން.މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުން.މި އިސްލާހު މަޖިލިސް ގަވާއިދަށް ގެންނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެވެސް މެންބަރަކު އެއާ ދެކޮޅަށް ވޯޓެއް ނުދެއްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *