މި މަހުގެ ތިންވަނަ ދުވަހު، "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މެންބަރުންނާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިނެވެ.
ކުއްލި މައްސަލަ ހުށަހަޅަން އޮތީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.
ކުއްލި މައްސަލައާބެހޭ ގޮތުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެ ކުއްލި މައްސަލައަކީ މަޖިލިސް ގަވާއިދުގެ 197 ވަނަ މާއްދާގައިވާ ޝަރުތުތައް ހަމަވާ މައްސަލައެއް ނޫން ކަަމަށެވެ.
ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންވާނެ ކަމަށް ގަވާއިދުގައި ބަޔާން ކުރާއިރު، އެ ކުއްލި މައްސަލައިގައި "ބަންދުގައި ތިބި މީހުންނަށް" ޖިސްމާނީ ގޮތުން އެކި ވަރުގެ ހާނިއްކަ ކޮށްފައިވާ ކަަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެމީހުންގެ އަސާސީ ހައްގުތައް ފުރިހަަމަ ނުކޮށްދޭ ކަމަށާއި، އެމީހުންނަށް ޖިސްމާނީ ގޮތުން ހާނިއްކަ ވެފައިވާ ކަމަށާއި، އެއް ހަފްތާއަށްވުރެ ގިނަދުވަސް ފަރުވާ ނުދީ ގަސްތުގައި ލަސްކޮށްފައި ވާކަން ހާމަވާ ކަމަށާއި، އެމީހުންގެ ތެރެއިން ދާއިމި ބަލި ތަކަށް ބޭސް ކަމުންދާ މީހުންނަށް އާއިލާއިން ބޭސް ފޮނުވުމުގެ ފުރުސަތު ލަސްކޮށްފައިވާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަަމަވެސް އެއީ ހަގީގަތެއްކަން އެ މައްސަލައިގައި މެންބަރަށް ދައްކައިދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ދަށުން، ކުއްލި މައްސަލައިގައި ބަޔާންކުރާ ކަންކަމަކީ ހަގީގަތްކަން ކަށަވަރު ކުރުމަކީ އެ ކުއްލި މައްސަލަ ހުށަހަޅުއްވާ މެންބަރު ކުރަންވަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ކަމުން ކުއްލި މައްސަލައެއްގައި ހަމަވަންޖެހޭ ޝަރުތުތައް ފުރިހަމަނުވާތީ އެ މައްސަލަ ހުށަހަޅަން ފުރުސަތު ދެވެން ނެތް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ އެ ވާހަކަތަކާ ގުޅިގެން، ނިޒާމީ މައްސަލަ ނަންގަވައި މެންބަރު ޒާކިރު ވިދާޅުވީ، ކުއްލި މައްސަލައާ ގުޅިގެން މަޖިލީހަށް ހެކި ހުށަހަޅަން މަޖިލިސް ގަވާއިދުގައި ނޯންނަ ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސަތުން ކަންކަން ކުރައްވަމުންދަނީ މަޖިލިސް ގަވާއިދާ އެއްގޮތަށް ކަަމށެވެ.






