ޝުހާދުގެ މަރު: މަރުގެ ހުކުމްކުރި ފަރީދަށް ރަނގަޅަށް އަޑުނީވޭ ކަަމަށް ބުނުމުން އަޑުއެހުން ކެންސަލް

ޝުހާދުގެ މަރު: މަރުގެ ހުކުމްކުރި ފަރީދަށް ރަނގަޅަށް އަޑުނީވޭ ކަަމަށް ބުނުމުން އަޑުއެހުން ކެންސަލް

ޏ. ފުވައްމުލައް ދޫނޑިގަމް/ އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސައާ ގުޅިގެން މަރަށް ހުކުމްކުރި އެރަށު ކަރަންކާއާގޭ/ ހަސަން ފަރީދަށް އަޑު އިވުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ބުނުމުން، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުން ނިންމާލައިފިއެވެ.

ޖެނުއަރީ 27، 2010ގެ ރޭ 9:30 ހާއިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް ފަރީދު ވަޅިން އެއްފަހަރު ހަމަލާދީފައިވާކަން ދައުލަތުން މީގެކުރިން ކުރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ފަރީދުގެ މައްޗަށް ގަސްދުގައި މިހާކު މަރާލި ކަމުގެ ކުށް ސާބިތު ވާ ކަމަށެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދު ކޮށްފައެވެ. ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ހެކީންގެ ބަޔާންތަކަށް ބަލައިއިރު، ޝުހާދުގެ ގަޔަށް ފަރީދު ވަޅި ހެރި މަންޒަރު ފެނުނު ކަމަށް ހަތް މީހަކު ހެކިބަސް ދެމުން ބުނެފައިވާކަން އެނގޭ ކަމަށެވެ.

ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި އޭނާގެ މަރު ސާބިތުކުރި ލިޔުމާ މެދު ފަރީދު ސުވާލު އުފައްދާފައި ނުވާކަމަށްވެސް ބުންޏެވެ. ހާދިސާ ހިނގި ތަނަށް ފަރީދު ދިޔަ ގޮތާއި ވަޅި ހެރީ ކޮން އަތަކުންކަން ބައެއް ހެކީންނަށް ބުނެދެވިފައި ނެތް ނަމަވެސް ތަހުގީގަށް ދިން ބަޔާނުގައި ތަފުސީލުކޮށް ކަންހިނގައި ދިޔަ ގޮތް ކިޔައިދީފައި ވާނެ ކަމަށް އެމީހުން ބުނެފައި ވުމަކީ، ޝުހާދު ގަޔަށް ފަރީދު ވަޅި ހެރިތަން ދުށް ކަމަށް އެމީހުން ބުނާ ބުނުން ނަފީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ފަރީދު ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ހެކިބަސް ދީފައިވާ މީހުންގެ ތެރޭގައި މާރާމާރީގައި އަނިޔާ ލިބުނު މީހަކާއި މަރުވި ޝުހާދުގެ ތިމާގެ މީހަކުވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ފަރީދު ބުނެފައިވެއެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ އޭނާއަށް މަރުގެ ހުކުމް އިއްވީ ހަމައެކަނި އެ ދެ މީހުންގެ ހެކިބަހަށް ރިއާޔަތް ކޮށްގެން ނޫން ކަމަށާއި ޖުމުލަ ހަތް މީހަކު އޭނާއާ ދެކޮޅަށް ހެކިބަސް ދީފައިވާއިރު، އެ ހެކިބަހާ ގުޅޭ ގަރީނާތައްވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓާއި ހައިކޯޓުންވެސް ހުކުމްކުރީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް، ފަރީދުގެ މައްޗަށް ސާބިތުވެފައިވާތީ، އޭނާ މެރުމަށެވެ. ނަމަވެސް ފަރީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާ ކުރަމުން މީގެކުރިން ފަރީދު ބުނެފައި ވަނީ ޝުހާދަށް ހަމަލާދިނީ އޭނާ ކަމަށް ބުނާ މީހުންނަކީ އަންހެން ކުއްޖަކާ ހެދި އޭނާގެ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ހަމަނުޖެހުމެއް ހިންގި ބައެއް ކަމަށެވެ. އަދި އެމީހުންނަކީ މަރުވި ޝުހާދުގެ އެކުވެރިން ތަކެއް ކަމަށާއި އެމީހުން ކޮއްކޮގެ މޫނަށް ކުޅުޖެހި ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅޭ ގޮތުން ގޭ ކައިރީ ކުދިންނާ މަޝްވަރާ ކުރަމުން ދަނިކޮށް ޝުހާދަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ކަމަށާއި ހައްޔަރު ކުރީވެސް ގޭގައި ހުއްޓާ ކަމަށް ފަރީދު ބުނެފައިވެއެވެ.

ފަރީދުގެ ފަރާތުން ހުށަހެޅި ކަންތަކަށް މީގެކުރިން ދައުލަތުން ޖަވާބު ދީ މައްސަލައިގެ އަޑުއެހުންތައް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮތީ ކުރިމިނަލް ކޯޓުން ނިންމާލައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވުމާއި ގުޅިގެން، އާ އުއްތަމަ ފަޑިޔާރާއެކު މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ފަރީދު ވަނީ އަޑުއެހުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ބުނެފައެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު ފަރީދު ބުނީ، އަޑު އިވުމުގައި އޭނާއަށް މައްސަލައެއް ދިމާވެފައި ވާތީ، ހިޔަރިން ޑިވައިޒް ބޭނުން ކުރަން އަންގާފައި ވާތީ، ކަރެލްޝަންސް ސާވިސް އިން އެ ވަސީލަތް ފޯރުކޮށްދިނުމުން މައްސަލައިގެ އަޑު އެހުންތައް ބާއްވައި ދިނުމަށް އެދި އާއިލާއިން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އޭނާ ބުނީ އަޑުއިވުމުގެ މައްސަލަ ވަރަށް ބޮޑަށް އުޅޭ ކަމަށާއި، ޝަރީއަތުގައި ކިޔާއެއްޗެއް ސާފުނުވާ ކަމަށެވެ.

އެގޮތުން އެ ޑިވައިޒް އޭނާއަށް ދޭން 2023 ވަނަ އަހަރުގެ މެދުތެރޭގައި، އަންގާފައިވާކަން ހޮސްޕިޓަލްގެ ސިސްޓަމުން އެނގެން އޮންނާނެ ކަމަށާއި، އެ ޑިވައިޒް ހަމަޖައްސައި ދިނުމަށް އެދި، މިއަހަރުގެ ކުރީކޮޅު ކަރެކްޝަނަށް ޝަކުވާ ފޯމެއް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެކަން ހަމަޖައްސައިދޭނެ ވާހަކަ ކަރެކްޝަނުން ބުނެފައިވާ ކަމަށާއި، ކަރެކްޝަނުން އެކަން ހަމަޖައްސިދިނީމަ ޝަރީއަތް ކުރިއަށް ގެންގޮސް ދިނުމަށް އެދޭކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަފ ަޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވިދާޅުވީ އާއިލާއިން ފޮނުވާފައިވާ ކަމަށް ފަރީދު ބުނާ ސިޓީ ސުޕްރީމް ކޯޓުގެ އެ މައްސަލަ ބަލާ ސެކްޝަނަށް ފޮނުވިކަން އެނގިފައި ނެތް ކަމަށެވެ. އަދި  އެކަން ސާފު ކޮށްލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަޑިޔާރު ވިދާޅުވާ އެއްޗެސް ފަރީދަށް އެނގޭ ކަމަށް ވަނީ ދެ ފަހަރަކު، ތިން ފަހަރަކު، ވިދާޅު ވުމުންނެވެ. ދެން ފަނޑިޔާރު އެއްސެވީ، ގާނޫނީ ވަކީލެއްގެ އެހީ ބޭނުންތޯ އާއި، މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާއެކުތޯ، އާއި ވަކީލަކާ ނުލައިތޯއެވެ.

އޭނާ ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ ނުލައި ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ވަކީލެއްގެ ފުރުސަތު ނުދިން ކަމަށް އޭނާ ބުނެފައިވާ ކަމަށާއި، ނަމަވެސް އެ ފުރުސަތު ދިން ކަމަށް ކޯޓުގެ ބަޔާން ތަކުން އެނގޭ ކަމަށެވެ.   އޭނާ ބުނީ، ހަދާންވާ ގޮތުން އޭނާ ބުނީ، ތަހުގީގީ މަރުހަލާގައި ވަކީލެއްގެ ފުރުސަތު ނުދޭ ވާހަކަ ކަމަށެވެ. އޭގެ ފަހުންވެސް މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ ނުލައިތޯ، ފަނޑިޔާރު އޭނާގެ ކިބައިން ޔަގީންކަން ހޯއްދެވިއެވެ.

އެއަށްފަހު ޝުހާދުވެ ވާރުތަވެރިންގެ ފުރިހަމަ މައުލޫމާތު ހުށަހެޅުމަށް، ދައުލަތުގެ ވަކީލަށް އެންގުމަށްފަހު، ފަނޑިޔާރު ވިދާޅުވީ، އަޑުއިވުމުގެ މައްސަަލަ ތަކެއް އުޅޭ ކަމަށް މި މައްސަލަ އިސްތިއުނާފު ކުރި، ފަރީދު ބުނެފައި ވާތީ، މައްސަލައިގެ އަޑު އެހުމެއް ދެން ބާއްވާނީ އެކަން އޮޅުން ފިލުއްވުމަށްފަހު ކަމަށެވެ.

"އިސްތިއުނާފް ކުރާ ފަރާތުން އޭނާގެ އަޑުއިވުމުގެ މައްސަލަ ތަކެއް ހުރިކަމަށް ވިދާޅުވެ އެކަން ފާހަގަ ކޮށްފައި ވާތީ އާއި ކަރެކްޝަނަށް އެކަމުގެ އެހީތެރިކަމަށް އެދި ކަރެކްޝަނަށް ހުށަހަޅާފައިވާ ކަމަށް ބުނާތީ، އަދި ޑޮކްޓަރުންވެސް އެ ވަސީލަތް އޭނާއަށް ފުރިހަަ ކޮށްދިނުމަށް އެދިފައިވާ ކަމަށް އެފަރާތުން ބުނާތީ، ޝަރީއަތުގެ މަޖިލިސް މިއަދު އިތުރަށް ކުރިއަަކަށް ނުގެންދާނަން، ކަރެކްޝަނާ ގުޅިގެން އެކަން ރަނގަޅަށް ސާފުކޮށްފަ އެއީ ޑޮކްޓަރުން ރެކޮމެންޑް ކޮށްފަ އޮތް ކަމެއް ވެއްޖެއްޔާ ކޯޓުން ބާރު އަޅާނަން އެވަސީލަތް ވީހާ އަވަހަކަށް ފޯރުކޮށް ދިނުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އޭގެ ފަހުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *