އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ހަރުކަށި ފިޔަވަޅުތައް އަޅައި، އިދިކޮޅު ސިޔާސީ ހަރަކާތްތައް މައިތިރި ކުރަން އުޅެނީ ރައްޔިތުންގެ ތާއީދު މި ސަރުކާރަށް ގެއްލި، ސަރުކާރަށް ގޮތް ހުސްވެގެން ކަމުގައި އަދާލަތު ޕާޓީން ބުނެފިއެވެ.
ދާދިފަހުން އެމްޑީޕީން އިސްނަގައިގެން ކުރި މުޒާހަރާގައި ބައިވެރިވި ބައެއް ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެމްޑީީގެ ކުރީ ސަރުކާރުގެ ބަޔެއް ވަޒީރުންގެ މައްސަލަ އޭސީސީން ބަލަން ފަށައި، ހާޒިރު ކުރަން ފަށާފައިވަނިކޮށް އެ ކަންކަމާއި ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ، އެފަދަ ކަންކަމުން އެނގެނީ ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނުލިބޭތީ ކުރާ ކަންކަން ކަމަށެވެ.
އެމްޑީޕީން އިސްވެއޮވެ ކުރި އެ މުޒާހަރާގައި އަދާލަތު ޕާޓީ އާއި ރައީސް ޔާމީންގެ ޕީއެންއެފްވެސް ވަނީ ބައިވެރިވެފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ބައިވެރިވީ އަދާލަތުންނެވެ. މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން މި ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުން ދަނީ ޕީއެންއެފް، އަދާލަތު އަދި އިދިކޮޅު އެންމެބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީއެވެ.
އަދާލަތުން ބުނީ، އޮކްޓޯބަރު ތިނެއްގެ އިހުތިޖާޖަށް ރައްޔިތުން ނުކުތީ ރައީސް މުއިއްޒުގެ ސަރުކާރާމެދު ރައްޔިތުން ވަރަށް ބޮޑަސް މާޔޫސްވެގެން ކަމަށެވެ. އެއީ ސަރުކާރުން ތަންފީޒު ކުރަމުން އަންނަ ދެކޮޅުނުޖެހޭ ދޯހަޅި ސިޔާސަތު ތަކުގެ ސަބަބުން ކަމަށެވެ.
"ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރުމާއި އެކިގޮތްތަށް ޝުޢޫރު ފާޅުކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު އަނިޔާވެރި ހަރުކަށި ފިޔަވަޅުއަޅަން ސަރުކާރުން ފަށައިފައިވުމަކީ އަދާލަތު ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ތަހުގީގު އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގެ ނާޖާއިޒު ބޭނުން ހިފައިގެން އާންމު ރައްޔިތުންގެ އަސާސީ މިނިވަންކަމަށާއި ޒާތީ ދިރިއުޅުމުގެ ތެރެއަށް ސަރުކާރުން ވަނުމާއި، ވަޒީފާގެ ބިރު ދައްކައިގެން ވާދަވެރި ސިޔާސީ ހަރަކާތް މައިތިރި ކުރަން އުޅޭކަމީ ސަރުކާރަށް ގޮތް ހުސްވަމުންދާ ކަމުގެ ދަލީލެއް ކަމަށެވެ.
"ރައްޔިތުން ހަވާލުކުރި އަމާނާތާމެދު ގަދަކީރިތިވަންތަ މާތް اللهގެ ކިބަފުޅަށް ބިރުވެތިވުމާއެކު އަދުލު އިންސާފުގެ ތަރާދުން އެއްކިބާ ނުވުމަށް ޑރ މުއިއްޒަށާއި ދައުލަތުގެ މަގާމުތަކުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދެމެވެ. އަދި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިކަން އިސްކޮށް ރައްޔިތުންގެ މައްޗަށް ބޭއިންސާފުވުމަކީ އެކަލާނގެ ގަދަފަދަ އުގޫބާތް ކަނޑައަޅުއްވާފައިވާ ކަމެއްކަންވެސް ހަނދާންކޮށްދެމެވެ،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.