ސަރުކާރުގެ ހަރަދުގައި 1447 ވަނަ އަހަރު ހައްޖަށް ފޮނުވާ 50 ހައްޖުވެރިން ހޮވައިފިއެވެ.
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވާފައިވަނީ ގުރުއަތު ނަގައިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 50 މީހުންގެ އިތުރުން، އެއްވެސް ހާލަތެއް ދިމާވެގެން އެއްވެސް މީހަކަށް ނުދެވޭ ހާލަތެއް ދިމާވެއްޖެ ނަމަ، އެ ފުރުސަތު ދޭނެ 25 މީހުންވެސް ހޮވާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ހައްޖަށް ފޮނުވާ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެން ކަމަށެވެ. އެ ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއު ކޮށްފައިވާ ދަފްތަރެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފަގީރުންގެ ލިސްޓުގައި ފަރުޟު ހައްޖު އަދާނުކޮށް ތިބީ 376 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމުލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. ރައީސްގެ ރިޔާސީ ވައުދުފުޅުގެ ދަށުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ހައްޖު މޫސުމުގައިވެސް 50 ފަގީރުން ހައްޖަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.






