ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަ ކޮށްލަންޖެހޭ ފަދަ މޭރުމަކުން "އެކްސް"ގައި ކޮމެންޓު ކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހްމަދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފި އެވެ.
ޝިމަންގެ ފޯނު ހިފަހައްޓަން އަމުރު ނެރެފައިވަނީ މި މަހު 6 ގައެވެ.
ޝިމަންގެ ފޯނު ހިފެހެއްޓުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގައި ރައީސް މުއިއްޒު އަވަހާރަ ކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮމެންޓު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.
އެ އަމުރުގައި ފޯނުގައި ހުރި ޑޭޓާ ތަހުލީލު ކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސް ވުމަށް ބޭނުންވާ ޕާސްވޯޑު ތަކާއި ޕެޓާންތައް، އަދި އެކްސެސް ވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް ވަނީ އަންގާފައެވެ.
މިއަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި "ދުލެއް ނުކުރާނަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ އިހުތިޖާޖުން ވެސް ޝިމަން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން (ހ) ގެ ދަށުންނެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސް އެޅުން ނުވަތަ އެކަމެއް ކުރިޔަނުދިނުމަކީ ކުށެއް ކަމަށެވެ.

								
								
											



