ބަޔަކު މީހުން ވެގެން މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެމީހާއަށް ބިރު ދައްކައިގެން ފައިސާ ތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާގެ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅޭ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުހައްމަދު ޒަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.
މިމައްސަލައާއި ގުޅިގެން އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަހުމީން ރަޝީދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުހައްމަދު ޒަމީރުއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.