ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ގދ. މަޑަވެލި، މޭނާ މަހާޒް އަލީ ޒާހިރު ކަޓުވާލުމަށްފަހު، އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ އާއި ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރި ޖުޑިޝަރީ ކޮމިޓީން އެންމެ ގިނަ މާކްްސް ލިބިވަޑައިގަތީ ވެސް ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ މަހާޒަށެވެ.
ނަަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަހާޒް ފަނޑިޔާރުކަމުން ވަކިކުރީ، މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
ޓްރައި ބިއުނަލަށް ދެ މެންބަރުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވި ބޭފުޅުންނާ އިންތަވިއު ކުރުމަށްފަހު ކޮމިޓީން މާކްސް ދިންގޮތް:
މަހާޒް އަލީ ޒާހިރު، ގދ. މަޑަވެލި، މޭނާ – 97 ޕަސެންޓް
އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ – 91 ޕަސެންޓް
ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ – 83 ޕަސެންޓް
އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ – 80 ޕަސެންޓް
ފާތިމަތު ނައުޝާން، ފިޔާތޮށިގެ، ޅ. ނައިފަރު – 71 ޕަސެންޓް
ކޮމިޓީއަށް ހަތް ބޭފުޅުންގެ ލިސްޓެއް ފޮނުއްވާފައިވާއިރު، އޭގެ ތެެރެއިން އާޝިއާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުއްފާރު، އާއިޝިފާޒް އަލީ، ދަފްތަރު ރސ. 12854، އަށް މާކްސް އެއް ދީފައެއް ނުވެއެވެ.
ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓްގައި ވަނީ އެ އިންޓަވިއު ތަކުން 75 މާކްސްއަށްވުރެ މަތިން ލިބުނު ބޭފުޅުންގެ ތެެރެއިން ޓްރައިބިއުނަލަށް އައްޔަން ކުރަން ފެންނަ ދެ ބޭފުޅަކަށް މަޖިލީހުގެ ރުހުން އޮތް ކަމަށް މަޖިލިސް ތަޅުމުން ފާސް ކުރަން އެދިފައެވެ.
އެގޮތުން ފުރަތަމަ ވޯޓަށް އެއްސެވީ މަހާޒުގެ ނަމަށެެވެ. މަހާޒަށް ރުހުންދޭން ފާސް ކުރަން ވޯޓު ދެއްވީ، އެވަގުތު ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެެރެއިން އެންމެ ހަތަރު މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ، ޕީއެންސީގެ ދެ މެންބަރުން ކަަމަށްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް އާއި އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. މަހާޒްގެނަން ފާސްނުކުރަން 41 މެންބަރުން ވޯޓު ދެއްވިއެވެ. އެނަން ފާސް ކުރަން 23 ވޯޓު ބޭނުންވެއެވެ،
ދެން މަޖިލީހުގެ އެއްސެވީ، ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު އަފީފް އާއި ޝައުފާގެ ނަމަށެވެ. ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެެރެއިން 53 މެންބަރުން އަފީފަށް ވޯޓު ދިން އިރު ޝައުފާއަށް 54 މެންބަރުން ވޯޓު ދެއްވިއެވެ.
މި ދެބޭފުޅުންގެ ނަން ފާސް ކުރުމުން އިތުރު މެންބަރެއްގެ ނަމަށް ވޯޓަކަށް ނާހައެވެ.






