ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ޖަލްސާ ތަކުގައި ހެދުން އެޅުމުގެ އުސޫލު ކަނޑައަޅައި، އުސޫލާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ހިމަނަން ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކުރި އުސޫލުގައި ބުނެފައި ވަނީ، މެންބަރުން މަޖިލިސް ޖަލްސާތަކުގައި ތިބެންވާނީ ރަސްމީ ހެދުމެއްގައި ކަމަށެވެ.
ރަސްމީ ހެދުން ކަަމަށް ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި ރަސްމީކޮށް ހެދުން އެޅުމަށް ބޭނުންކުރާ ކޯޓު ފަޓުލޫނު، ގަމީހާއި ޓައީ އާއި ފަޓުލޫނު، ގައުމީ ހެދުން، ނުވަތަ ދިވެހި ސަގާފީ ހެދުން، ރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާހިލާފު ނުވާގޮތަށް ހުންނަ ރަސްމީ ހެދުން ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީއަށް އައުން ހުއްދަ ނޫން ހެދުންވެސް މި އުސޫލުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.
ހުއްދަ ނޫން ހެދުމުގެ ތެރޭގައި ހިމެނެނީ، ހަންގަނޑު ފާޅުވާފަދަ ތުނިހެދުމާއި، ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުމާއި، އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރުބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައިހުންނަ ހެދުމެވެ. އަދި އެއްވެސް ބާވަތެއްގެ ޖިންސާއި، ގިނަ ޖީބު ލާފައިހުންނަ ދިގު އަދި ކުރު ހަރުވާޅު، ޓީޝާޓު ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުންވެސް ހިމެނެއެވެ. އަދި ފެން ފައިވާނާއި ޓެނިސް، ޖޮގިން ޝޫޒްވެސް އޭގެ ތެރޭގައި ހިމަނާފައިވެއެވެ.
މި އުސޫލުގައި ބުނެފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުތަކާއި، ރިޔާސީ ބަޔާން އިއްވާ ޖަލްސާތަކާއި، ރައްޔިތުންގެ މަޖިލީހުުގެ މެންބަރުން ހުވާ ކުރުމުގެ ޖަލްސާތަކަށް މެންބަރުން ވަޑައިގަންނަވާނީ، ކޯޓު ފަޓުލޫނު ނުވަތަ ގައުމީހެދުން، ނުވަތަ ސަގާފީ ހެދުމުގައި ކަމަށެވެ.
މެންބަރުންގެ އިތުރުން މަޖިލީހަށް ވަދެ ތިބޭ އެހެން ފަރާތްތަކުންވެސް އަމަލު ކުރަންވާނީ މި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
މިއުސޫލާ ހިލާފްވާ މެންބަރުންނަށް މަޖިލިސް ގަވާއދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަަޅު އެޅޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެ މާއްދާހެ ދަށުން އެޅޭނެ ފިޔަވަޅުތައް:
* އެމަލު ކުށްވެރިކޮށް، އެކަމާއި ގުޅޭގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައ،ި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން.
* މެންބަރު އެކުރީ މަޖިލީހުގެ ގަދަރަށް އުނިކަންލިބޭ ކަމެއްކަން ބަޔާންކޮށ،ް އެކަން ކުށްވެރިކޮށް، މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާންކޮށ،ް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން.
* ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީ ތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހްރޫމް ކުރުން.
* މަޖިލީހުގެ ރަސްމީ ދަތުރުތަކާއ،ި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމް ކުރުން.
ކޮމިޓީން ފާސްކުރި މި އުސޫލު މަޖިލިސް ގަވާއިދުގައި ހިމަނައި އަމަލޫ ކުރަން ފަށާނީ މަޖިލީހުން ފާސް ކޮށްގެންނެވެ.






