މީޑިއާ ބިލް ފާސްކުރި ދުވަހު މައިކު ތަކަށް ގެއްލުންވި މައްސަލަ ސުލޫކު ކޮމިޓީއަށް

މީޑިއާ ބިލް ފާސްކުރި ދުވަހު މައިކު ތަކަށް ގެއްލުންވި މައްސަލަ ސުލޫކު ކޮމިޓީއަށް

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް ބިލު" ފާސްކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިޔާކު ތަފާތުވުން ބޮޑުވެ ހިނގާދިޔަ ކަންތައްގަނޑުގައި އެ ކޮމިޓީގެ މައިކު ތަކަށް ގެއްލުންވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ފަރާތުން އެ މައްސަަލަ ކޮމީޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ލަފައެއް ހޯއްދެވުމަށެވެ.

އެކަމާއި ގުޅިގެން މަޖިލިސް ރައީސް ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެދުވަހު ކޮމިޓީގައި ހިނގައި ދިޔަ ކަންތައް ތަކުގައި ކޮމިޓިގެ މައިކްރޯފޯނަކާއި ދެ މައިކްރޯފޯންގެ ބޭސް ބަދަލު ކުރަންޖެހޭ ވަރަށް ގެއްލުން ވެފައިވާ ކަަމަށެވެ.

އެހެން ކަމުން އެކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފައެއް ކޮމިޓީން ދެއްވުމަށްވެސް އެދި ވަޑައިގެންނެވިއެވެ.

މި މައްސަލައިގައި ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރު ވިދާޅުވީ، އެކަމުގެ ބަދަލުގެ ގޮތުގައި ކޮންމެވެސް މެންބަރަކު ފައިސާ ދައްކައި ނިންމަވާފައިވާކަަން، ނޫހަކުން ފެނުނު ކަމަށެވެ. އެހެން ކަމުން އެ މައުލޫމާތު އެނގިގެން ނޫނީ އެކަމަށް ވާހަަކަ ނުދެއްކޭނެ ކަމަށްވެސް ވިދާޅުވިއެވެ

އެ ވާހަކައާއި ގުޅިގެން ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީމް މުހައްމަދު ވިދާޅުވީ، އެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު މެންބަރަށް ދެއްވާނެ ކަމަށެވެ.

އެދުވަހު ކޮމިޓީ މައިކް ހަލާކުވި ކަންތަކުގައި ހިމެނީ އެމްޑީޕީގެ ދެ މެންބަރަކާއި، ޕީއެންސީގެ މެންބަރެއްކަން ފާހަގަ ކުރައްވައި އެކަންތަކުގައި ސީދާ މައިކް ހަލާކު ކުރީތޯ ބެލުމަށް މައްސަލަ ތަހުގީގު ކުރަން، ކުޑަ ކޮމިޓީއެއް އެކުލަވާލަން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ، މީގެކުރިން އޮތް މަޖިލިސް ތަކުގައިވެސް އެފަދަ ކަންކަން ހިނގާފައިވާ ކަމަށާއި، އެފަދަ ކަންކަމުުގައި މެންބަރުންނަށް ފިޔަަވަޅު އެޅުމުގެ ގޮތުން، ވަކި މުއްދަތަކަށް މަޖިލިސް ދަުރުތަކުން މެންބަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ، ބަލަންޖެހޭ ކަމަށާއި، އެކަމުގައި މަޖިލިސް ރައީސް ކަންކުރީ ކިހިނެއްކަން އޮޅުން ފިލުވަންޖެހޭ ކަމަށާއި، އެކަމުގައި ޝާމިލްވާ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަންޖެހޭ ކަމަށް އޭނާ ވިދޅުވިއެވެ.

ނަަމަވެސް ކޮމިޓީ މުގައްރިރު ވިދާޅުވީ، އެ ކޮމީޓީގެ ބައެއް މެންބަރުން އެހެން ކޮމިޓީ ތަކުގައި ތިބުމާއި، ބައެއް މެންބަރުން މިއަދު ވަޑައިގެންފައިނުވާތީ، އެ މައްސަލައަށް އެހެން ދުވަހަކު އިތުރަށް ބަހުސް ކުރުމަށް ނިންމަވާ ކަަމަށެވެ. އެހިސާބުން ކޮމިޓީ ނިންމަވައިލެއްވިއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *