މުޒާހަރާގައި އެލްއާރުއޭޑީ ބޭނުން ކުރި މައްސަލަ ހުށަހެޅުމުން ބޭރުކޮށްލައިފި

މުޒާހަރާގައި އެލްއާރުއޭޑީ ބޭނުން ކުރި މައްސަލަ ހުށަހެޅުމުން ބޭރުކޮށްލައިފި

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއާ ދެކޮޅަށް ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ފުލުހުން ބޭނުންކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ކުއްްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނެގި ވޯޓުގައި، މަޖިލިސް ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެެރެއިން، މައްސަލަ ބަަލައިގަންނަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ. ކުއްލި މައްސަލަ ބަލައިނުގަތުމަށް 40 މެންބަރުން ވޯޓު ދެއްވިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، މުޒާހަރާއަށް ހުރަސް އެޅުމަށް ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމާއި، އެއްވުމުގެ ސުލްހަވެރިކަން ގެއްލުވާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭރުން އެކި ފަހަރުމަތިން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ނަމަކަށްކިޔާ ހަތިޔާރެއް މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް، ފުލުހުން ބޭނުން ކުރުމުން އެ ހަތިޔާރުގެ ސަބަބުން ފެންނަ ގޮތަކަށް ލިބޭ އަނިޔާއެއް ނެތް ނަމަވެސް، ނަފްސާނީ ގޮތުންނާއި، މީހުންގެ އަޑު އިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.

"އެ ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރު ވުމުގެ ފުރުސަތު އޮތް ކަމަށް ބޭރުގެ ސިއްހީ ޖަމްއިއްޔާ ތަކުންވެސް ކަނޑައަޅާފައިވާ ހިނދު، އެ ހަތިޔާރު ހުއްޓުމެއް ނެތި އެތަނުގައި ބޭނުން ކުރުމުގެ ސަބަބުން އެ އެއްވުމުގައި ބައިވެރިވި ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ކަންފަތަށް ތަދުވުން އަދި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން ފަދަ މައްސަލަތައް ދިމާވުމާއި އަދި ކުޑަކުދިންނަށް ނަފްސާނީ ގޮތުން އުނދަގޫ ވެގެން ފަރުވާ ހޯދަމުންދޭ،" ކުއްލި މައްސަލައިގައި މީކާއީލް ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން ހަތިޔާރު ބޭނުން ކުރުމުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލެއް އޮންނަންޖެހޭ ކަމާއި، ޕެޕާ ސްޕްރޭ އާއި ކަރުނަގޭސް އަދި މުގުރު ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ހަދާފައިވީ ނަމަވެސް އެލްއާރުއޭޑީ ބޭނުން ކުރާނެ ގޮތް ފުލުހުން އާއްމު ކޮށްފައި ނެތުމަކީ އެއްވެސް ހަމައެއް ލަމައެއް ނެތި ރައްޔިތުންނާ ދެކޮޅަށް އޭގެ ބޭނުން ކުރުމަށް ފުރުސަތު ލިބިގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ ހަތިޔާރުގެ ބޭނުން ފުލުހުން ކޮށްފައި ވަނީ، އެ ހަތިޔާރު ބޭނުން ކުރުމުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު އާއްމު ނުކޮށް ކަަމަށްވާތީ ފުލުހުން އެ ހަތިޔާރު ބޭނުން  ކުރީ ގާނޫނާ ޚިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *