ރައްޔިތުންގެ އަޑު ކަނޑުވާލަން އަނިޔާވެރިކަން ބޭނުން ކުރުމަކީ މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްްލެމުން ދާކަމުގެ ހެއްކެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
"ލޫޓުވަައިފި ލޫޓުވައިފި" ގެނަމުގައި އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވި ގޮތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ ރޭ ބޭއްވި ސުލްހަވެރި މުޒާހަރާގައިތި މީހުންނާ ދެކޮޅަށް ސަރުކާރުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ އާއި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުން ކުށްވެރި ކުރައްވައި، އެކަމުން އެތައް ބަޔަކަށް އަނިޔާލިބި އެ މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހިގެން، އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ފަަރުވާ ދެމުންދާ ކަންވެސް އިބޫ ފާހަގަ ކުރެއްވިއެވެ. އަދި އޭނާއަށް އަވަސް ޝިފާ އަކަށް އެދި ވަޑައިގެންނެވިއެެވެ.
ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި އެންމެން ޝަރުތަކާއި ނުލައި ވަގުތުން ދޫކޮށްލުމަށްވެސް އިބޫ ވަނީ ގޮވާލައްވައިފައެވެ.






