ޗުއްޓީއަށްފަހު މަޖިލީހުގެ ތިންވަނަ ދައުރު މާދަމާ ފަށަނީ

ޗުއްޓީއަށްފަހު މަޖިލީހުގެ ތިންވަނަ ދައުރު މާދަމާ ފަށަނީ

ދެ ވަނަ ދައުރުގެ ޗުއްޓީ ނިންމާލުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަށް މާދަމާ ފަށާނެއެވެ.

މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އޮތް ނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން ތިންވަނަ ދައުރު ފެށޭނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ކަމަށެވެ. މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކުރި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެއެވެ.

ނޫސްވެރިން ދެކޮޅު ހަދަމުންދިޔަ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ގާނޫނުގެ ބަހުސް ފެށުމަށްޓަކައި، މިދިޔަ އޯގަސްޓް މަހުގެ 15 އާހަމައަށް އޮތް މަޖިލީހުގެ ދެވަނަ ދައުރު، އެމަހުގެ 21 ވަނަ ދުވަހަށް ދަންމާލަން ފާސްކޮށް، ބިލްގެ ބަހުސް ހޫނު ވުމުގެ ސަބަބުން މަޖިލީހުގެ ދައުރު ނިންމާލައި ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔައީ 19 އޯގަސްޓް ގައެވެ.

ނަަމަވެސް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ބިލާއި "އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ" ބިލް ފާސްކުރުމަށާއި ބައެއް މަސައްކަތް ތަަކަށް މަޖިލިސް ޗުއްޓީ ތެރޭގައި، މިދިޔަ އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ދައުރުން ބޭރުން ހަތަރު ޖަލްސާއެއް ބޭއްވިއެވެ.

މިފެށޭ ތިން ވަނަ ދައުރަށް އެންމެ މުހިއްމު މަސައްކަތެއްގެ ގޮތގައި މަޖިލީހުގައި އޮންނާނީ އަންނަ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ މަސައްކަތެެވެ.

އޭގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުުމުގެ ބިލާއި، ޓްރޭޑްމާކް ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޓެކުހާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި،  ޒަކާތުގެ ބިލުގެ އިތުރުން ބައެއް ކޮމިޝަން ތަމަށް މެންބަރުން ލުމުގެ މަސައްކަތްވެސް އެބައޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *