ގައުމީ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ޚާއްސަ ސްކޮލާޝިޕް ދިނުމަށް ނިންމަވައިފިއެވެ.
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ. ރައީސް ވަނީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްް ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތް ތަކަށް އެ ފަރާތަކުން ތައުލީމް ހާސިލް ކުރަން ބޭނުން ދާއިރާ އަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލްކުރުމަށް ރައީސް ހާއްސަ ސްކޮލާޝިޕް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި މުޅި މުބާރާތުން ތިން ބައިން އެއް ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާ ތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ތަނަކަށް، ރައީސް އިނާމުގެ ތެރޭގައި 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑުވާނެ ކަމަށާއި، އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައި ވަނީ ސެޕްޓެމްބަރު މަހުގެ 18 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގައި މިއަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 1023 ފަރާތަކުން ބައިވެރިވިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ކިޔެވި 29 ބައިވެރިންނެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ޤުރުއާންކިޔެވުމުގެ މުބާރާތެވެ. މިގޮތުން މެދު ނުކެނޑި އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މިމުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ބައިވެރިންނާއި ބެލެނިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިމުބާރާތަކީ ސީދާ ސަރުކާރުގެ ޚަރަދުގައި ބާއްވަމުންދާ މުބާރާތަކަށް މިހާރު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.






