މި އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ އެ އޮފީހުން ބަލައިގެންފައި ވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.
ދައުވާ ކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުހައްމަދު ނައުސާން (37އ) ގެ މައްޗަށެވެ.
މި މައްސަލައާއި ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. މީނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާ ކޮށްފައިވާ މީހެކެވެ. އަދި މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.