މަސްތުވާތަކެތި އެތެރެކުރި މީހަކު 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

މަސްތުވާތަކެތި އެތެރެކުރި މީހަކު 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް އުމުރު ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެެވެ.

ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެކުށުގައި ހުކުމް ކޮށްފައިވަނީ ހ.ސެމޯއާ، އިސްމާއީލް ނައުފަލްގެ މައްޗަށެވެ.

2023 ވަނަ އަހަރުގެ 18 ޑިސެމްބަރު ގައި ނައުފަލާއި އޭނާގެ އަނބިމީހާ މަރިޔަމް ސާޔާ އިބްރާހިމް ޝިހާބު، އެއާރ އޭޝިޔާގެ ފްލައިޓުން މެލޭޝިޔާގެ ކުއާލަންޕޫރުން ރާއްޖެ އައިއިރު، އޭނާއަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިންޓެލިޖެންސް ސެކްޝަނުން އެލާޓް ކޮށްފައިވާ ފަރާތެކެވެ.

އެހެންކަމުން އިތުރަށް ބަަލައި ފާސްކުރުމަށް އެ ދެމަފިރިން ހުއްޓުވައި އެމީހުން ގެނައި ލަގެޖް ފާސްކުރުމުން ނައުފަލު ގެނައި އެއްފޮށީގެ ފުލުގައި އިން ޒިބު ހުޅުވައިގެން ބެލިއިރު ކާބަން ޕޭޕަރު އޮޅާފައި އޮތް ދެ ޕެކޭޖު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ތަހުލީލު ކުރިއިރު އެއިން އެއް ޕެކޭޖުގައި މެޓަމްފެޓަމިން ރެސިކޭޓް ހުރި  ކަމަަށް ތަހުލީލު ތަކުން ވަނީ ދައްކައިފައެވެ. ނަމަވެސް ނައުފަލް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އިފްތިތާހީ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާއަށް އިންކާރުކުރާ ކަމަށާއި، މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާއާ ގުޅުން ހުރި ލަގެޖެއް ނޫން ކަމަށާއި އޭނާގެ ހިމާޔަތުގެ ދަށުގައި ހުރިއެއްޗެއް ނޫން ކަަމަށް އޭނާ ބުނެފައިވެއެވެ. އެހެން ކަމުން އެތަކެތީގެ ނޮލެޖެއް ނުވަތަ ނިޔަތެއް ނެތް ކަމަށާއި، ދައުވާގެ އަސްލަށް އިންކާރު ކުރާކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ކަސްޓަމްސް އިން އެކުލަވާލާފައިވާ ފޮޓޯ ރިޕޯޓަށް ބަލާއިރު އެ ރިޕޯޓުގައި ނައުފަލުގެ ބޯޑިންފާހައި ދައުވާގައިބުނާ މަސްތުވާތަކެތި ފެނުނު ލަގެޖް އެއާލައިން ޓެގާ އެއްކޮށް ނަގާފައިވާ ފޮޓޯއިން ނައުފަލުގެ ބޯޑިން ފާހުގައިވާ ބުކިން ނަމްބަރާއި ލަޖެޑް ޓެގްގައިވާ ނަމްބަރު ދިމާވެއެވެ. މީގެ އިތުރުން އެރައިވަލް ޓާމިނަލް ތެރެއިން ނަގާފައިވާ ސީސީޓީވީ ފުޓޭޖުން، މަސްތުވާތަކެތި ފެނުނު ލަގެޖް ޓްރޮލީއަކަށް އަރުވައުގެން އެއާޕޯޓްގެ އެރައިވަލް ޓާމިނަލުން ނައުފަލު ނުކުންނަން ދިޔަ މަންޒަރު ފެނެއެވެ.

އެ ރިޕޯޓާއި ހުށަހަޅާފައިވާ ހެކިތަކުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުން ނައުފަކު ކުށްވެރި ވެއްޖެކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން ނައުފަލު އުމުރަށް ޖަލަށް ލުމަށާއި، ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކަނޑައަޅައި، ޖޫރިމަނާގެ ފައިސާ  12 މަސް  ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން އަންގައި ހުކުމް ކުރިއެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކުރީގައި ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ޖަލު ހުކުމުން ކެނޑުމުން، ނައުފަލު ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 23 އަހަރާއި ދެ މަހާއި 23 ދުވަސް ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *