ބޮޑެތި ވައްކަން ކޮށްފައިތިބި އެންމެން ފަހަތުން ސަރުކާރުގެ އިދާރާތައް ވަރަށް ބާރަށްދާނެ: ރައީސް

ބޮޑެތި ވައްކަން ކޮށްފައިތިބި އެންމެން ފަހަތުން ސަރުކާރުގެ އިދާރާތައް ވަރަށް ބާރަށްދާނެ: ރައީސް

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލުގެ ކަންކަން މަޖިލީހުން ނިންމަވައި، ތަސްދީޤު ކުރައްވަން ފޮނުވާ ދުވަހު އެބިލު ތަސްދީޤު ކުރައްވާނެ ކަމަށާ، އެސެޓް ރިކަވަރީ ބިލު، ޤާނޫނަކަށް ވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާ ތަކުން ވަރަށް ބާރަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކޮޅުމަޑުލު ތިމަރަފުށީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާ މުޚާޠަބު ކުރައްވަމުންނެވެ.

އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެ ކަމަށާ، މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫޢަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށާ، ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީވެސް ކޮރަޕްޝަން ނައްތާލުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އަތުން ހިފޭނެ އެއްޗެއް ނޫން ކަމަށާ، ނަމަވެސް މިއީ އިޙްސާސްވާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ޖުޑިޝަރީއާއި މިނިވަން މުއައްސަސާ ތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަޤީންކަން، ތަކުރާރު ކުރައްވައި އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަމުގައި ޤަބޫލުފުޅު ނުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ކުރައްވާހާވެސް ކަމަކީ، ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ޒިންމާތައް އަދާކުރުމަށް މަގުފަހި ކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ވެރިކަން ހިންގަވާން ހުރި އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާތަކުގެ ތެރެއިން، މަސައްކަތްތަކުގެ ދުވެލި ހަލުވިކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައިވާ މި ދަނޑިވަޅަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ތެރެއިން، ދައުލަތުގެ މާލިއްޔާގެ 2.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރި ވެފައިވާކަން ހާމަވެފައިވާ ދަނޑިވަޅަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ފެނަކައަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ކުންފުނިކަން ފާހަގަކުރައްވައި، އޮޑިޓް އޮފީހުގެ ރިޕޯޓަށް އަލިއަޅުވާލައްވައި، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ވަރަށް ހިތާމަހުރި ކަމެއްކަމުގައެވެ. މިކަމުގައި ދިވެހި ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށާ، އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް، ޢަމަލު ކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ޢަދުލުވެރި ގޮތަށް ކަމަށާ، ސިޔާސީ މަސައްކަތްތައް ކުރުމަށް ރާއްޖޭގައި މިހާރު ފުރިހަމަ މިނިވަންކަން ދެވިފައި އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *