އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝަވަރުގެ ގޮތުގައި އެއް މިލިޔަން ޑޮލަރު ގަބޫލު ކުރައްވައި، އެފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހެކިންގެ ހެކިބަސް ނެގުމަށްޓަކައި އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު ކުރިމިނަލް ކޯޓަށް ހާޒިރު ކުރަން ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ކުރިއަށް ގެންދަން އޮތީ، ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. ނަމަވެސް ހެއްކެއްގެ ގޮތުގައި ރިޔާޒު ހާޒިރު ކުރަން ޔާމީންގެ ވަކީލުންގެ ޓީމުން ހުށަހެޅީ، އެ މައްސަލައިގައި ޔާމީނާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާ، އެ މައްސަލައިގެ ތަހުގީގުގައި، އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ފެންމަތި ވެފައިވާތީ އެވެ.
އެ އޯޑިއޯ ހޯދުމަށް ދައުލަތުގެ ކިބައިން އެދިފައިވާނެ ކަމަށްވެސް ޔާމީންގެ ވަކީލުންގެ ޓީމުން ބުންޏެވެ. އަދި ރިޔާޒް ހެކިބަހަކީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެ މައްސަލާގައި ނެގުން މުހިންމު ހެކިބަހެއް ކަމަށްވެސް ވަކީލުންގެ ޓީމުން ބުންޏެވެ.
އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނީ އެ އޯޑިއޯ ހެއްކާއި ރިޔާޒްގެ ހެކި ޝަރީއަތަށް ބަލައިގަތުމާމެދު ޗެލެންޖް ކުރުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް މިއަދު ފުރަތަމަ ނިންމެވީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ގެންދިއުމަށް ފަހު، ޔާމީންގެ އެ ހުށަހެޅުންތަކާ މެދު ފަހުން ގޮތެއް ނިންމުމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.
އެހެންކަމުން ގާޒީ ނިންމެވީ ޔާމީން އެދުނު ގޮތަށް ރިޔާޒް ހާޒިރު ކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށް ފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމަށެވެ. އެހެންކަމުން ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންގޮސް، އަޑުއެހުން ވަނީ ނިންމާލައިފައެވެ.






