މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު އަންހެނަކާއި ތިން ފިރިހެނުން ހުޅުމާލެއިން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކުރި އެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ދިވެހި އަންހެނަކާއި ދިވެހި ފިރިހެނެއްގެ އިތުރުން ބިދޭސީ ދެ ފިރިހެނުންނެވެ. ހައްޔަރުކުރީ ހމ. މާވަހަރު، ޝާނާ، 32، އާއި ށ. ފޭދޫ، މާވަސްގެ، އަހުމަދު ސައްފާން، 26، އާއި ބަންގްލަދޭޝް، ފާރޫކު ޗޮކީދާރު، 50، އާއި ބަންގްލަދޭޝް، ސަފިކް، 40، އެވެ.
އޮޕަރޭޝަނުގައި ބަލައިފާސްކުރި ދެ ތަނުން އަތުލައިގަތީ މަސްތުވާތެކެތި ކަމަށް ބެލެވޭ 24.06 ގްރާމުގެ ތަކެއްޗާއި 363 ގުޅަ މަނާ ބޭހުގެ އިތުރުން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4،500 ރުފިޔާ އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 23، ގަ އެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ ގެ ބަންދަށް 10 ދުވަސް އަދި ދެންތިބި ތިން މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.