މާދަމާ ދަރީންނަށްޓަކައި ވާރުތަ ކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އަރިސްކުރުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މީގެ 899 އަހަރު ކުރީން އިސްލާމްދީން ގަބޫލުކުރުމުގައި ދިވެހީން ދައްކުވައިދިނީ، ކިޔަމަންތެރިކަމާއި ސުލްހަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ހިޔާރުކުރުމުގެ ރީތި ނަމޫނާ ކަމަށެވެ.
އެދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ގައުމުގައި ދެމިއޮތީ، ދިވެހިންނަކީ ހައްގުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީ ކަމަށެވެ.
"މި އަގުހުރި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަސޫބު ހުރިހާ ޒަމާނެއްގައިމެ ދިވެހީންނަށް ދެއްވުން އެދި ހެޔޮ ދުޢާ ކުރަމުން، ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ދަންނަވަން." ރަައީސްގެ ޕޯސްޓު ނިންމާލަމުން ވިދާޅުވި އެވެ.