ސައިކަލްގެ ވެރިމީހާއަށް ނޭނގި އޭނާގެ ހުއްދައާނުލައި، ސައިކަލް ދުއްވި މީހެއްގެ މައްޗަށްކުރި "އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ" ސާބިތުވެ ދެއަހަރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމްކުރީ، ހއ. މޮޅަދޫ އާޒާދު އަހްމަދު އަބްދުﷲ އަށެވެ.
އޭނާގެ މައްޗަށް މި ދައުވާކުރީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކ. ކާށިދޫ ޝަބްނަމްގެ މަހްޒޫމް ސަލީމްގެ ސައިކަލު ގެއްލިފައި ވަނިކޮށް، އެރޭ މާލެ މ. ކުނޫޒު ކައިރިން އަހްމަދު އަބްދުﷲ މި ސައިކަލް ދުއްވާފައިދަނިކޮށް ފެނިގެންނެވެ.
އަހްމަދު އަބްދުﷲގެ މައްޗަށް މި ދައުވާކުރުމުން، ދައުވާއަށް އިންކާރުކޮށް، ޖަވާބުދާރީ ވަމުން އޭނާ ބުނެއިވަނީ އެ ސައިކަލަކީ އޭނާގެ ރަހްމަތްތެރޮއަކު ހަވާލުކުރި ސައުކަލެއްކަމަށެވެ. ނަމަވެސް ދިފާއުގައި ހެކި ހުށަހަޅަން ދިން ފުރުސަތުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އަދި އެސައިކަލް ބޭނުންކުރަން އެއްވެސް އިރެއްގައި ދީފައިނުވާކަން ޝރިއަތަށް ސާބިތުވެއެވެ.
އެހެން ކަމުން "އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ" އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ އަހަރުދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ކަނޑައަޅައި، އެ މައްސަލައާ ގުޅުގެން އޭނާ ބަނދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަންޖެހޭ މުއްދަތަކީ އެއް އަހަރާއި 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމެއްކަމަށް ވަނީ ކަނޑައަޅައިފިއެވެ.