އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ނިސްބަތް 49 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރ ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 32 އިންސައްތައިން 49 އިންސައްތައަށް ބަދަލުވެފައިވާކަމަށެވެ.
މިއީ ލިބެގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ 2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމި އިރު، އޭ ލެވެލްއަށް ކިޔަވަން ބޭނުންވީ 2100 ދަރިވަރުން ކަމަށެވެ.
ނަމަވެސް އެކަން މިހާރު ބަދަލުވެ، މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމި އިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިއަހަރު އިތުރު 13 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަމަށާއި، މިހާރު ރާއްޖޭގައި އޭލެވެލްއަށް ކިޔަވައިދޭ 66 ސްކޫލް ހުރި ކަމަށް ވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.
މަތީ ސާނަވީ މުހިންމު ވަނީ އެކަޑެމިކް ކިޔެވުމަށް އެކަނި ނޫން މިއީ ވަޒީފާގެ މާހައުލަށް ކުދިން ތައްޔާރުކުރުމާއި މުއާމަލާތް ކުރުމުގެ ހުނަރުތައް ތަރައްގީކުރުމާއި އާއްމު ދިރިއުޅުމަށް ކުދިން ވަރަށް ބޮޑަށް ތައްޔާރުކުރާ މަރުހަލާއެއްކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެގޮތުން ޓީޗަރުންގެ ބަސްއަހައި އެ ޓީޗަރުންނަށް ގަދަރުކުރާ އަދި ސްކޫލުތަކުގައި ހެދިފައި ހުންނަ ގަވައިދުތަކާއި އުސޫތަކަށް ތަބާވެ ކިޔެވުން ކުރިއަށް ގެންދިއުމަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.