ފަލަސްތީނުގެ މައްސަލަ ސުލްޙަވެރިގޮތުގައި ހައްލުކޮށް މިނިވަން ދައުލަތް ގާއިމްކުރުމާއި، އެކަން ތަންފީޒު ކުރުމާގުޅޭ ގަރާރު ކަމަށްވާ ”ނިއުޔޯކް ޑެކްލަރޭޝަން“ އދ. އިން ފާސްކުރުމަށް ރާއްޖެއިން ވޯޓުދީފި އެވެ. މި ގަރާރު ފާސްވެފައިވަނީ ރާއްޖެ ހިމެނޭ ގޮތަށް 142 ގައުމުގެ ތާއީދާއެކުއެވެ.
މި ގަރާރަކީ މިދިޔަ ޖުލައި މަހުގެ 28 އިން 30 އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ކޮންފަރެންސަށްފަހު ހުށަހެޅި ގަރާރެކެވެ. އެ ގަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޖަލްސާގައެވެ.
ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތަށް 142 ގައުމުގެ ތާއީދާއެކުއެވެ. އެއާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައިވާއިރު 12 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
މި ގަރާރު ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ ގަރާރަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިންމު ގަރާރެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ކަމަށް އެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.