ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާތަކުގެ ތަފުސީލު މާލީ ބަޔާނުގައި ނުހިމަނާނަމަ އެކަން ކަމާބެހޭ ފަރާތްތަކުން ބަލަންވާނެ ކަމަށެވެ.
”ދެެން އަނެއް މައްސަލައަކީ މީނަ ލާރި ފޮރުވައިގެން މިއުޅެނީ ކީއްވެހޭ. ލާރި ފޮރުވައިގެން އުޅޭ ކަމަށްވަންޏާ އެއީ މަނީލޯންޑަރިންގެ ލާރިއެއް، އެއީ ނުހައްގު މުއްސަދިކަން. މީނައަށް ވެސް މިހާރު މަޖިލިސް މެންބަރުކަން ކުރާ ބޭފުޅުންނަށް މި ލިބެނީ ހަދިޔާ ނޫންތޯ. ނަޒާހަތްތެރި ބޭފުޅުން ނަޒާހަތްތެރިކަމުން ހުރިހާ ބޭފުޅުންނަށް ހަމަ ލިބެނީ ހަދިޔާ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މަޖިލިސް މެންބަރުން މާލީ ބަޔާންތައް އަމިއްލައަށް ތައްޔާރު ކުރުމުން ކަންބޮޑުވާ ކަމަށެވެ. އަމިއްލަ އަމިއްލައަށް މާލީ ބަޔާނެއް ތައްޔާރުކޮށްގެން ދިނީމާ ހިސާބުތައް ދެކޮޅު ނުޖެހޭ ކަމަށެވެ.
އެހެންވުމުން އެއީ އޮޑިޓް ކޮށްފައިވާ ބަޔާންތަކަކަށްވުން އެއީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
”މީގައި ހިސާބު ދިމާނުވާ ބޮޑު މައްސަ އެބައުޅޭ. އަނެއް މައްސަލައަކީ ހަމަ ބޮޑުތަނުން މިއޮތީ މަނީ ލޯންޑަރިންގެ މައްސަލައެކޭ. އެހެންވީމާ ލާރި ނަގާ ފޮރުވާފައި އެ ހުންނަނީ. ލާރި ގެންގުޅެންޏާ ނޫނީ ބޭންކުން 15 މިލިއަންގެ ލޯނެއް ނުދޭނެ،“ ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން، މާލީ ބަޔާންތަކުގެ ހިސާބުތައް ދިމާނުވާތީއާ، ”ހަދިޔާ“ގެ ނަމުގައި މުދަލާއި ފައިސާ ލިބިފައި ހުރި ގޮތް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނާއި ބަންޑާރަ ނައިބު އޮފީހުން އަދި ފުލުހުން ވެސް އިސް ނަގައިގެން މި މައްސަލަ ބަލަންޖެހޭ ނޫންތޯ ޔާމީން ސުވާލުކުރެއްވި އެވެ.