ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އިތުރު ދެ ބޭފުޅަކު މިއަދު އައްޔަނުކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ.
މި ދެ ބޭފުޅުންނަށް އެ މަޤާމުގެ ފަތްކޮޅު އަރުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް އެ ދެ ބޭފުޅުން އައްޔަނުކުރައްވާފައިވަނީ، އެޗްއާރްސީއެމްގެ މެންބަރުކަމުގައި މީގެ ކުރިން ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެގޮތުން އެ މަގާމަށް އެ ދެބޭފުޅުން އައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންނެވެ.