ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީ ތަކަށް ކޮންމެ އަހަރަކު ދޫކުރަމުން އަންނަ ފައިސާ ޕާޓީ ތަކަށް ދޫކޮށްފި ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީ އިން ބުނީ ޕާޓީ ތަކުގެ ދަފްތަރުގައި 10 ހާސް މީހުން ހަމަވާ ފަސް ޕާޓީގެ ތެރެއިން އެންމެގިނަ ފައިސާ ދޫކޮށްފައި ވަނީ ވެރިކަންކުރާ ޕީއެންސީއަށް ކަމަށެވެ. އެއީ އެންމެގިނަ މެމްބަރުން މިވަގުތު ތިބީ އެ ޕާޓީގައި ކަމަށްވާތީއެވެ.
އެގޮތުން ޕީއެންސީއަށް ދޫކޮށްފައި ވަނީ 13.31 މިލިއަން ރުފިޔާއެވެ. ދެން އެންމެގިނަ މެމްބަރުން ތިބި އެމްޑީޕީއަށް ދޫކޮށްފައި ވަނީ 8.45 މިލިއަން ރުފިޔާއެވެ. ތިން ވަނައަށް އެންމެ މެމްބަރުން ގިނައިން ތިބި ޖުމްހޫރީ ޕާޓީއަށް 2.65 މިލިއަން ދޫކޮށްފައިވާއިރު، އެންމެ މަދުން މެމްބަރުން ތިބި އަދާލަތު ޕާޓީ އާއި އެމްޑީއޭއަށްވެސް 1.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އީސީ އިން ބުނީ ފައިސާ ދޫކުރުމުގައި ބަލާފައި ވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޕާޓީ ތަކުގައި މެމްބަރުން ތިބި އަދަދަށް ކަމަށެވެ. އެގޮތުން ޕާޓީ ތަކަށް ފައިސާ ދޫކޮށްފައި ވަނީ ކޮންމެ މެމްބަރެއްގެ މައްޗަށް 193 ރުފިޔާގެ މަގުންނެވެ.