މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް މީޑއާ ތަކުން ކުރަމުންދާ އިހުތިޖާޖަކީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީސް ކުރިމަތީގައި ގާއިމުކޮށްފައިވާ "މީޑިއާ ފެންޑާ" ގައި އިހުތިޖާޖު ކުރަން ތިބި ނޫސްވެރިން ގާތަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޚަލީލު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަށް ފަރުމާ ކޮށްފައިވާ ބިލަކަށް ސަރުކާރުން ތާއީދު ނުކުރާނެ ކަމަށާއި އެ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ ޚަލީލާއެކު މީޑިއާ އާއި ބެހޭ މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ނޫސްވެރިންގެ ގާތަށް ވަޑައިގެންނެވިއެވެ. އަސްވާޑު ވިދާޅުވީ އެމަނިކުފާނަކީ ނޫސްވެރިކަމަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ނަމަވެސް އިއްޔެ ޕީއެންސީގެ ޕީޖީ ލީޑަރު އަބްރާހިމް ފަލާހު ނޫސްވެރިން "އުލުބައިންދަން" ގޮވާލުމުން އެކަން ކުށްވެރި ކުރައްވާނަންތޯ ސުވާލު ކުރުމުން މިނިސްޓަރ ޚަލީލު އަދި މިނިސްޓަރ އިބްރާހިމް ވަހީދުވެސް އެކަމަށް ޖަވާބެއް ނުދެއްވުނެވެ.