ކޯހުގެ ބޮންޑުގެ މުއްދަތު ހަމަނުވަނީސް ވަކިވި މުވައްޒަފަކު އެސްޓީއޯއަށް 7 ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

ކޯހުގެ ބޮންޑުގެ މުއްދަތު ހަމަނުވަނީސް ވަކިވި މުވައްޒަފަކު އެސްޓީއޯއަށް 7 ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

އެސްޓީއޯގެ ހަރަދުގައި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ދިން މުވައްޒަފަކު، ކޯސް ފުރިހަމަ ނުކޮށް، އެ ކޯހަށް ކަނޑައެޅި ބޮންޑުގެ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ވަކިވުމުން، ބަދަލުގެ ގޮތުގައި 14 ދުވަހުގެ ތެރޭގައި 7 ލައްކައެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެސްޓީއޯ އިން ސިވިލް ކޯޓުގައި ދައުވާކުރީ އެ ކުންފުނީގެ ސްޕޮންސަޝިޕްގައި 2010 ވަނަ އަހަރު ބެޗްލާސް އޮފް ސައިންސް އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކޯހުގައި ބައިވެރިކުރި މުވައްޒަފަކު އެ ކޯސް ފުރިހަމަ ނުކޮށް، އަދި ބޮންޑުގެ މުއްދަތުގައި ވަޒީފާއިން ވަކިވެފައިވާތީއެވެ.

އެ ދައުވާގައި ކުންފުނިން ބުނެފައިވަނީ، މުވައްޒަފަކާއެކު ވެފައިވާ އެއްބަސްވުމާއި، މުވައްޒަފު ހިލާފު ވެފައިވާ ކަމަށެވެ. އެހެންވެ، އެސްޓީއޯއިން އެ ކޯހަށް ކުރި ހަރަދު މުވައްޒަފުގެ އަތުން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފައެވެ.

މި ދައުވާއަށް މުވައްޒަފުގެ ފަރާތުން ކޯޓަށް ޖަވާބުދާރީއެއް ނުވެއެވެ. އެހެންވެ، ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ކޯހަށް އެސްޓީއޯގެ ފަރާތުން ހަރަދުކުރި ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުދައްކާ އޮތް 770،311 ރުފިޔާއަކީ މުވައްޒަފުގެ ފަރާތުން އެސްޓީއޯއަށް ދައްކަން ޖެހޭނެ ފައިސާ ކަމަށެވެ.

އެހެން ކަމުން އެ ފައިސާ 14 ދުވަސް ތެރޭ ދައްކައި ހަލާސް ކުރަން މުވައްޒަފުގެ މައްޗަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *