ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ލެޕްޓޮޕްތައް ވަގަށްނަގައި ވިއްކާލި މީހާ 9 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރީ ތ. ގާދިއްފުށީ މިރިޔާސްގެ ހަސަން ޝަކީބުގެ މައްޗަށެވެ. ދައުލަތުގެ ފަރާތުން އޭނާއަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން އޭނާގެ މައްޗަށް މި ދައުވާކޮށްފައި ވަނީ 21 ޑިސެމްބަރު 2024 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވެކޮޕްމަންތް އޮފީހަށް ވަދެ، އެތަނުން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް އެ ދުވަހު 10:00 އެހާކަންހާއިރު އެތަކެތި ބ. ފުޅަދޫ އުދަރެސް ހަސަން އަޒްލީފް އަށް 1700 ރުފިޔާއަށް ވިއްކާލާފައި ވާތީއެވެ. ކޯޓުގައި އޭނާ ވަނީ މިކަމަށް އިއުތިރާފު ވެފައެވެ.
އޭނާ ނެގި ފަސް ލެޕްޓޮޕް ތެރޭގައި ހިމެނެނީ، ޑެލް ލެޓިޓިއުޑް 3530 އައި 5 ބްރޭންޑްގެ ދެ ލެޕްޓޮޕާއ، 3510 އައި ފަހެއް ބްރޭންޑްގެ އެއް ލެޕްޓޮޕާއި، 3420 އައި ފަހެއް ބްރޭންޑްގެ ދެ ލެޕްޓޮޕެވެ.
އެހެން ކަމުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރވާކަމަށް ކަނޑައަޅައި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.