ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ކުންފުންޏެއް ކަމަށްވާ އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޫކުރި، ނ. މިނާވަރުގެ އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށްބުނެ، މިނިސްޓްރީއޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސިޓީއަށް އަމަކު ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އަންގައި ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.
މިނާވަރަކީ 2010 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއި، އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް އަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި މިނާވަރު މޮނިޓާ ކުރުމަށް މިނިސްޓްރީ އިން ކުރި ދަތުރުގައި ދެފަރާތްދެމެދު ވެވުނު އެއްބަސްވުމުގައި ވާގޮތަށް މަސައްކަތް ކުރިއަށް ނުދާކަން އެ ދަތުރު ގައިހެދި، ދަތުރު ރިޕޯޓުން ފާހަގަ ކުރެވިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން އެއްބަސްވުމުގައި ވާގޮތަށް މަސައްކަތް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ މުއްދަތެއް އިމްޕެކްސްއަށް ދިނެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސްފިނަމަ އެއްބަސްވުން ބާތިލް ކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާންކޮށް އިމްޕެކްސްއަށް ނޯޓިހެއް ފޮނުވިއެވެ.
މި ނޯޓިހާއި ގުޅިގެން އިމްޕެކްސް އިން ހަމަ އެދުވަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ. މޮނިޓަރިން ދަތުރުގެ ރިޕޯޓް މިނިސްޓްރީން އިމްޕެކްސްއާ ހިއްސާކޮށްފައި ނުވާކަމަށް މި ސިޓީގައި ފާހަގަ ކުރިއެވެ. އަދި އޭރު ހިނގަމުން ދަނީ ރޯދަ މަހުގެ ދުވަސްތައް ކަމަށްވާތީ އާއި މިނިސްޓްރީން ފާހަގަކުރާ ކަންކަމަކީ ކޮންސަލްޓަންޓުންނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދެވޭނޭ ކަންކަމަށް ވުމުން މިނިސްޓްރީއިން ފޮނުވި ނޯޓިހުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ހަމަޖައްސައި ދިނުމަށް އެދުނެވެ.
އެކަމާއި ގުޅިގެން މިނިސްޓްރީން ދީފައިވާ ނޯޓިހުގައި ބަޔާންކުރާ ގޮތަށް މިނާވަރުގެ ވޯކް ޕްލޭނާ އެއްގޮތަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަމަށްބުނެ މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހު އެއްބަސްވުން ބާތިލު ވެއްޖެ ކަަމަށް މިނިސްޓްރީން އިމްޕެކްސްއަށް އެންގިއެވެ.
އެއާއެކު އެ ރަށުގައި ހުރި އިމްޕެކްސްގެ އުފުލޭމުދާ 14 ދުވަހުގެ ތެރޭގައި ރަށުން ގެންގޮސް އެކަން މިނިސްޓްރީއަށް އެންގުމަށާއި، އެ މުއްދަތުގެ ތެރޭގައި އެމުދާ ނުގެންގޮސް ރަށަށް ދޫކޮށްލާ ތަކެއްޗަކީ ދައުލަތު ގެ މުދާކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށް އެގޮތަށް ދޫކޮށްލާ މުދަލުގެ ބަދަލު ލިބި ނުދެވޭނެކަންވެސް އެންގިއެވެ. އަދި އެ ރަށުގެ ފަސްގަނޑުގައި އިންދާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއް ކެނޑުމާއި ނެގުންފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީއިން އެންގިއެވެ.
މި މައްސަލައާއި ގުޅިގެން އެކަންކަން އަންގައި އިމްޕެކްސްއަށް ފޮނުވި ސިޓީއަށް އަމަލު ކުރުން ފަސްކޮށް ދިނުމަށާއ،ި މިކަމާއި ގުޅިގެން އިމްޕެކްސްއިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކިގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު" ކިޔާ ފަޅު ރަށް ކުއްޔަށް ދިނުމަށްޓަކައި 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަމުން ގެންދިއުމަށާއ،ި މި މައްސަލައިގައި އިމްޕެކްސް އިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު"ގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގައި މިނި ސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހު އިމްޕެކްސްއިން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
މިކަމާއި ގުޅިގެން "ނ. މިނާވަރު" ކިކުއްޔަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށްބުނެ އެގްރިކަލްޗާ މިނިސްޓްރީން ފޮނުވި ސިޓީއަށް އަމަލު ކުރުން ފަސް ކުރުމަށް ސިވިލް ކޯޓުން އެ މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.
އަދި މިކަމާއި ގުޅިގެން އިމްޕެކްސް އިން އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް ހުށަހަޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން"ނ. މިނާވަރު" ކުއްޔަން ދިނުމަށްޓަކައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަމުން ގެންދިއުމަށާއި އެރަށުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރިޒް މިނިސްޓްރީއަށް ވަނީ އަމުރު ކޮށްފައެވެ.
މީގެ އިތުރުން އިމްޕެކްސް އިން އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް ހުށަހަޅުމަށް ގަސްދުކުރާ ދައުވާ 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއ،ި އެ މުއްދަތުގައި ދައުވާ ހުށަނާޅައިފިނަމަ މިއަމުރު ބާތިލްވާނެ ކަމަށް އިމްޕެކްސް އަންގައ،ި އެމުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް ދައުވާ ހުށަހަޅައިފިނަމަ ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން މިވަގުތީ އަމުރު މުރާޖައާކޮށް ވަކި ގޮތެއް ކަނަޑައަޅަންދެން މިއަމުރު ދެމި އޮންނާނެ ކަމަށްވެސް ކޯޓުން ވަނީ އަންގައިފައެވެ.
ސިވިލް ކޯޓުގެ މި އަމުރަކީ ގާނޫނީ ހަމަތަކާ ހިލާފް އަމުރެއް ކަމަށްބުނެ ދައުލަތުން މިއަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، ސިވިލް ކޯޓުގެ އަމުރު ބާތިލް ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަަމަށެވެ.
މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުގެ ބެންޗުގައި ހިމެނިވަަޑައިގަންނަވަނީ، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޠާޒު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހުސެއިން މަޒީދެވެ.
ނ. މިނާވަރު ސަރުކާރަށް ނެގުމާއި ގުޅިގެން ޝިޔާމުގެ ޕާޓީ، އެމްޑީއޭގެ ނައިބު ރައީސް ނ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އެ އެއްބަސްވުން ބާތިލު ކުރަން ނިންމީ ބަދަލު ދިނުމަކާ ނުލައި ކަމަށެވެ. މިކަމާއި ގުޅިގެން އޭނާ ވަނީ ސަރުކާރަށާއި ރައީސަށް ފާޑު ވިދާޅުވެފަ އެވެ.