ރެޑްވޭވް މޯލް އިން ސެންޓްފުޅި ނަގައިގެން ކުރި ހުކުމްގައި ހިމެނޭ ޖޫރިމަނާ ނުދައްކައިގެން ޏ.ފުވައްމުލައް ފުނާޑު، އުޑުވިލާ މުހައްމަދަށް އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން، އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކުރީ، 20 ޖޫން 2019 ވަނަ ދުވަހު މަޖީދީމަގުގައި ހުންނަ "ރެޑްވޭވް މޯލް" އިން "ޖަސްޓް ކޯލްމީ" ބްރޭންޑްގެ ސެންޓް ފުޅިއެއް ނަގައި އޭނާ ލައިގެން ހުރި ޖިންސާއި ބަނޑާ ދޭތެރެއަށް ލާފައިވާތީއެވެ.
އޭނާވަނީ އެކަން ކުރެވިފައިވާ ކަމަށް އިއުތިރާފު ވެފައެވެ. އެހެން ކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެއްމަހާއި 24 ދުވަހުގެ މުއްދަތަށް ޖަަލަށްލުމަށް ހުކުމްކޮށް، 9600 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ތިންމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެންގިއެވެ.
ނަަމަވެސް އޭނާ އެފައިސާ ދައްކާފައިނުވާތީ، ކޯޓުން ވަނީ އެ އަދަބު މުރާޖައާ ކޮށްފައެވެ. މުރާޖައާގެ ތެެރެއިންވެސް ޖޫރިމަނާގެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާކަން ސާބިތު ވެފައިވާތީ 9600 ރުފިޔާގެ ޖޫރިމަނާގެ އަދަބަކީ 1 މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.