އެލްކޭޖީއަށް ނުވައްދާ ހުރި ކުއްޖަކު 15 ދުވަހުގެ ތެރޭގައި އެލްކޭޖީއަށް ވައްދަން ހައިކޯޓުން ކުރި އަމުރެއް ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ނެރުނު ސާކިއުލާއެއްގައި ދިރާސީ އަހަރު ސުކޫލު ތަކަށް ކުދިން ވެއްދުމާ ގުޅޭ އުމުރުފުރާތައް ކަނޑައެޅިއިރު، މި މައްސަލައިގައި ހިމެނޭ ކުއްޖާ ޕްލޭ ސުކޫލުން ބޭބީ ނާސަރީއަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އުމުރު ހަމަނުވާތީ، ކުއްޖާ ރިޕީޓް ކުރުމަށް ކެންގަރޫ ސްކޫލް ކިޑްސްއިން ނިންމުމެވެ.
ކުއްޖާއަށް ބޭބީ ނާސަރީއަށް ދެވޭގޮތް ނުވުމުން ކުއްޖާގެ މަންމަ ޔުދްރާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ހުރި ކަންކަން މުރާޖާއަށް ކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައެވެ. ނަމަވެސް މިނިސްޓްރީން ނިންމީ އެ ސާކިއުލާގައި މުރާޖާއާ ކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ.
އެފަހުން ޔުދްރާ، އެޑިއުކޭޝަން މިނިސްޓްރީގެ އެ ސާކިއުލާއަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނާއި ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓުން ހުކުމްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާ ކުއްޖާގެ މައްޗަށް ތަންފީޒު ކުރުމުގައި ތައުލީމުގެ ގާނޫނާ ހިލާފުވެފައިނުވާ ކަމަށެވެ. އެހެންވެ ކުއްޖާގެ މަންމަ އެދުނު ފަދައިން މައްސަލަ ނިންމައިދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ޔުދްރާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހަމަ އެއާއެކު އެ މައްސަލަ ކޯޓުން ނިމެންދެން، އޭނާގެ ދަރިފުޅަށް މިއަހަރު އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނެވެ. އެ އިސްތިއުނާފުގައި ޔުދްރާގެ ފަރާތުން ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ޕްރޮމޯޓު ކުރުމަށް ބަލަން ޖެހޭ އުމުރުގެ ކަޓް އޮފް ޑޭޓު ކަނޑައަޅާފައިވާ ގޮތުގެ ސަބަބުން އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ނުލިބި، އޭނާގެ ދަރިފުޅު ނާސަރީގައި ރިޕީޓު ކުރުމަކީ ކުއްޖާއަށް ލިބިގެންދާނެ ބޮޑު ގެއްލުމެއް ކަމަށެވެ. ކުއްޖާ ރިޕީޓުކޮށް މިދިޔަ އަހަރު ކިޔެވި އެއްޗެހި އަލުން ކިޔަވަން ޖެހުމަކީ ކުއްޖާ ކިޔެވުމަށް ފޫހި ކުރުވާނެ ކަމެއް ކަމަށް ޔުދްރާ ބުންޏެވެ.
ކުއްޖާއަކީ އެލްކޭޖީގައި ކިޔެވޭނެ ކުއްޖަކާ މެދު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްވެސް ޝައްކެއް ކޮށްފައިނުވާ ކަމަށާއި ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓަށް ބަލާއިރު، ކުއްޖާއަކީ މިދިޔަ އަހަރުގެ ދިރާސީ އަހަރު ފެށުނު އިރު، ދެ އަހަރާއި ދިހަ މަހުގެ ކުއްޖަކަށް ވިޔަސް ތިން އަހަރާއި ދެ މަހުގެ ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހޭ ގާބިލުކަން ހުރި ކުއްޖެއްކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ޔުދްރާ ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބުނީ ކުއްޖާ އެލްކޭޖީއަށް ޕްރޮމޯޓް ކޮށްދިނުމަށް އެދިފައިވަނީ ހައިކޯޓުން އެފަރާތާ އެއްކޮޅަށް ހުކުމް ކުރާ ހާލަތެއްގައި އެފަރާތުގެ ދަރިފުޅު އެލްކޭޖީއަށް ވެއްދުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސ،ް މިހާރު ކުރިއަށްދާ އާއްމު އިޖުރާއަތުގެ ދަށުން ގޮސް 2025 ވަނަ އަހަރުގެ ކިޔެވުން ނިމ،ި 2026 ވަނަ އަހަރުގެ ކިޔެވުން ފަށާއިރު ކުއްޖާގެ ތައުލީމުގެ ގާނޫނުގެ ދަށުން އެލްކޭޖީއަށް ޕްރޮމޯޓުވާނެ ކަމަށެވެ.
އެއާ ހިލާފަށް މިމައްސަލަ ދައުލަތާ އެއްކޮޅަށް ނިމިއްޖެނަމަ އިސްތިއުނާފު ކުރާ ފަރާތުގެ ދަރިފުޅު ރަސްމީ ތައުލީމުން އަނެއްކާ ނާސަރީ ތައުލީމަށް ބަދަލު ކުރަން ޖެހުމުގެ ފުރުސަތު އޮތުމުން، އެއީ ކުއްޖާއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ސައިކޮލޮޖިކަލް ރިޕޯޓަކަށް ބިނާކޮށް ކުއްޖާ ޕްރޮމޯޓް ކުރުމަށް ކުއްޖާގެ މަންމަގެ ފަރާތުން އެދިފައިވާ އިރު، ތައުލީމުގެ ގާނޫނުގެ ދަށުން ދަރިވަރުން އެލްކޭޖީއަށް ވައްދަނީ އެސެސްމަންޓްއަކަށް ބިނާކޮށް ނޫން ކަމަށާއި އުމުރަށް ބިނާކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބުންޏެވެ.
ކުއްޖާގެ މަންމަ އެދޭފަދަ ވަގުތީ އަމުރެއް ނެރެދީފިނަމަ މި މައްސަލައިގައިވާ ކުއްޖާއާ އެއްހާލަތުގައި ތިބި އެހެން ކުދިންގެ ފަރާތުންވެސް ހަމައެފަދައިން ވަގުތީ އަމުރަކަށް ހުށަހެޅައިގެން މި މައުލޫގައި ފްލަޑް ގޭޓްއެއް ހުޅުވުމުގެ ފުރުސަތު އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެކަން ފާހަގަކޮށް މިނިސްޓްރީން އެދުނީ ޔުދްރާ އެދިފައިވާ ވަގުތީ އަމަރު ނެރެ ނުދިނުމަށެވެ.
ދެ ފަރާތުން ވަގުތީ އަމުރާ ގުޅޭގޮތުން ދެއްކި ވާހަކަތައް އަޑުއެހުމަަށްފަހު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީ، އަމުރުގެ ރައުޔުގައި ވިދާޅުވީ އިސްތިއުނާފު ކުރާ ފަރާތަކީ ވަގުތީ އަމުރަށް އެދިފައިވާ އިސްތިއުނާފީ މައްސަލައިގައި ހިމެނޭ ކުއްޖާގެ ހައްގުތައް ހިމާޔަތް ކުރުމަށް އެދ،ި ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހެޅި ފަރާތްކަމަށް ވުމުން، މި ހާލަތުގައި ޔުދްރާއަށް މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުގެ ސިފަ ލިބިގެންވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ދަށު ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތަށް ނާކާމިޔާބު ވެފައިވީ ނަމަވެސް އިސްތިއުނާފީ މައްސަލައިގައި ހުށަހަޅާފައިވާ ގާނޫނީ ބަހުސާއި ކުއްޖާގެ ތައުލީމާއި ހެދިބޮޑުވުމުގެ އަސާސީ ހައްގަށް ހުރަސްއެޅުމާ ގުޅުވައި، ކުއްޖާގެ މަސްލަހަތު އިސް ކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަން ފުރަތަމަ ނަޒަރުން ވަޒަންކުރާއިރު، މިހާލަތުގައި އިސްތިއުނާފު ކުރާ ފަރާތުގެ ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ގާއިމުވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ގެއްލުން ވަޒަންކުރާއިރު، ކުއްޖާގެ ކިބައިގައި ހުރި ހާއްސަ ސިފަތަކަށް ރިއާޔަތްކޮށް އިސްތިއުނާފު ކުރާ ފަރާތުގެ ދަރިފުޅަށް އިއާދަ ނުކުރެވޭ ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފަނޑިޔާރު ދީބާނާޒް ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ދީބާނާޒް ރައުޔުގައި ކަނޑައެޅުއްވީ ޔުދްރާ އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ. އެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރްހީޒާ ތާއީދު ކުރެއްވިއެވެ.
އެހެންވެ ހައިކޯޓުގެ ބެންޗުގެ އަޣުލަބިއްޔަތުން މިދިޔަ ޖުލައިމަހުގެ ތިން ވަނަ ދުވަހު އަމުރުކުރީ، ހައިކޯޓުން އަންގަންދެން، މި އަމުރު ނެރޭ ތާރީހުން ފެށިގެން ލަސްވެގެން 15 މަސައްކަތު ދުވަހުގެ ތެރޭގައި، މި މައްސަަލަ އިސްތިއުނާފު ކުރި ފަރާތުގެ ދަރިފުޅު ނާސަރީއިން އެލްކޭޖީއަށް ބަދަލު ކުރުމަށާއި އެ ބަދަލުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ދައުލަތާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގާ ކަމަށެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒު ރައުޔުގައި ވިދާޅުވީ ކުއްޖާއަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމުވެފައި އޮތްތޯ ބަލާއިރު، އެފަދަ މައުލޫއީ ހައްގެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ނެތް ކަމަށެވެ.
ސަބަބަކީ ތައުލީމުގެ ގާނޫނުގައި، ތައުލީމީ ނިޒާމުގެ ތެރެއިން ތައުލީމީ އެކިއެކި މަރުހަލާ ތަކުގައި ކުދިން އެންރޯލް ވަމުންދާ އުމުރު ފުރާ ބަޔާން ކޮށްފައިވުން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ގާނޫނުގައި ބަޔާންކުރާ ތައުލީމީ މަރުޙަލާތަކުގެ އުމުރު ފުރާއާ ހިލާފަށް ކޮށްފައި އޮތީ ކޮން ކަމެއް ކަން ފެންނަން ނެތް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
ވަކި ކުއްޖެއްގެ މަސްލަހަތުގައި ލިބިދެވެން ޖެހޭނެ ކަމަށް އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ގަބޫލުކުރާ ކަމެއް ހިމާޔަތް ކުރުމަށް، ގާނޫނުން އެކަށައަޅާފައިވާ މުޅި ތައުލީމީ ނިޒާމު އެއްފަރާތް ކުރެވޭގޮތަށް ކަންކަން ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. މިފަދަ މައްސަލަތަކުގައި ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ބޮޑަށް ބަލަންވާނީ މުޅި މުޖުތަމައުގެ މަސްލަހަތު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން، މި މައްސަލައިގެ ތެރެއިން ނެރެދޭ ވަގުތީ އަމުރަކުން އިސްތިއުނާފު ކުރާ ފަރާތުގެ ދަރިފުޅު ތައުލީމީ ވަކި ހަރުފަތަކަށް ޕްރޮމޯޓް ކުރުމަށް ކޯޓުން އެންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ހައިކޯޓުން ނެރުނު މި އަމުރަކީ ގާނޫނީ އުސޫލުތަކާ އެއްގޮތް އަމުރެއް ނޫން ކަމަށްބުނެ، އެޑިއުކޭޝަންގެ ފަރާތުން މި އަމުރުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްުެ ހުކުމް ކުރީ، ހައިކޯޓުގެ އަމުރު ގާނޫނީ އުސޫލުތަކާ އެއްގޮތް ނުވާތީ، މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހައިކޯޓުގެ އަމުރު ބާތިލްކުރާ ކަމަށެެވެ.