އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ހިމެނޭ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް, ނޫސްވެރިއެއްގެ ގާތުގައި “އެވަރުގެ ކަމެއް މިރަށު މީހަކު ނުކުރާނެ” ކަމަށް ބުނިކަން އެނގިއްޖެ އެވެ.
ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމް ތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ އެވެ. ހަކަ އެ ދުވަހު މާޅޮސްއަށް ދިޔަ ނޫސްވެރިންގެ ތެރެއިން ނޫސްވެރިއަކު ވަނީ ވިސާމްއާ ވާހަކަތަކެއް ދައްކަައިފަ އެވެ. އޭރު އެތަނުގައި ހަވަރަކަށް މީހުން ތިއްބެ އެވެ.
އެ ވަގުތު އެތަނުގަަައި ހުރި ވިސާމްގެ ރަހުމަތްތެރިއަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ރަށުގައި ޝައްކު ކުރެވޭ މީހަކު ހުރިތޯ އަހައިފަ އެވެ.
“ވިސާމް ބުނި މިރަށު މީހަކު އެ ވަރުގެ ކަމެއް ނުކުރާނެ ކަމަށް. ތިވާނީ ރަށުން ބޭރުގެ މީހަކު ކުރިކަމެއް ކަމަށް. ރަށުގައި އެހާ އަނިޔާވެރިކޮށް މީހަކު މަރާލާނެ މީހަކު ނުހުންނާނެ ކަމަށް” އޭނާ ކިޔައިދިނެވެ.
އެހެން ބުނުމަށްފަހު އޭނާ ވަނީ އެތަނުން ގޮސްފައި ކަމަށް ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.
ވިސާމް ރަށު ތެރޭގައި އުޅުނީ ވަރަށް ހަމަޖެހިގެން ކަމަށާއި ޝައްކުވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ހެދުމަށްފަހުވަގުތީ ރިޕޯޓުން ފާހަގަވި ކަންކަން ޙިއްސާ ކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް ނިޔާވެފައި ވަނީ ބޮލައް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ.
ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ.