ލައިސަންސް ނެތި އިންޝުއަރެންސް ވިޔަފާރިކުރާނަމަ 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ކަނޑައަޅައި "އިންޝުއަރެންސް ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި މި ބިލަކީ ދިވެހިރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ހުށަހެޅުއްވި ބިލެކެވެ.
ބިލްފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރެއްވުމުން ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް އެފަދަ ވިޔަފާރިތަކުގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބަލާނެއެވެ. އަދި މީގެ ސަބަބުން އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވި، ދާއިރާ ތަރައްގީކޮށް ވާދަވެރިކަން ފުޅާކުރުވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަކީ އާންމުންގެ ބޭނުންތަކާ އެއްގޮތަށް އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ދާއިރާއެއްކަމުގައި ހެދުމަކީ މި ޤާނޫނުގެ މަގުސަދެއް ކަމަށް ބިލުގައިވަނީ ބަޔާންކުރައްވާފައެވެ.
ބިލުގައި ބަޔާންކުރައްވާފައިވާ ގޮތުގައި އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންނެވެ.
ބިލު ޤާނޫނަކަށްވުމުން ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިންދޭ ލައިންސަންސް އޮވެގެންނެވެ. ލައިސަންސް ނެތި ވިޔަފާރި ކުރާ ފަރާތްތައް 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު އެމްއެމްއޭއަށް ލިބެއެވެ.
މިޤާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ތެދުނޫން މައުލޫމާތެއް ދީގެން ޙައްގުނޫން މަންފާއެއް ހޯދުމާއި ހޯދަން އުޅުން އަދި އެ މަންފާ ހޯދައިދިނުމަށް އެހީތެރިވުން މަނާވާނެއެވެ. މިގޮތަށް ނުޙައްގުން މަންފާ ހޯދާ ފަރާތްތައް އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މިބިލުގައި ވަނީ އިންޝުއަރެންސް ކުންފުންޏަކުން ނުވަތަ ގުޅިފައިވާ ފަރާތަކުން ޤާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ.