މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާގައި ދަރިއަކު ނޫޅޭ ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އޭނާގެ ދަރިކަލަކާ ބެހޭގޮތުން ދެކެވޭ އެ ވާހަކަ މިއަދު ދޮގުކުރައްވައިފި އެވެ.
ޑރ. ޝަހީމް މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ދަރިކަލަކު ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅުނު ކަމުގެ ރިޕޯޓުތަކާ ގުޅިގެން މެލޭޝިއާގެ އެމްބަސީގައި ވަޒީފާ އަދާކުރާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވުމުގެ ގޮތުންނެވެ.
މިމަހުގެ ކުރީކޮޅު ޑރ. ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ރާއްޖެއަށް އައިއިރު ގެނައި ވޭޕުގެ ސާމާނުތަކަކާ އެކު ކަސްޓަމްސްއިން ހިފަހައްޓާފައިވާ ކަމަށް ބުނެ، ކަސްޓަމްސްއާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެކަމަކު މިކަމާ ބެހޭގޮތުން ކަސްޓަމްސްއިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެ ހަބަރަށް ރައްދުދެއްވައި ޑރ. ޝަހީމް ފުރަތަމަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ގައިގައި ބަނދެގެން ވޭޕު ސާމާނު އެތެރެކުރި ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމަކީ ވަރަށް ދެރަ ކަމެއް" ކަމަށެވެ. އަދި މާހިލްއަކީ މެލޭޝިއާ އެމްބަސީގެ ވަޒީފާއެއްގައި ހުންނަ މީހެއް ނޫން ކަމަށް ވިދާޅުވެ، އެ ހަބަރުތައް ރަނގަޅުކުރުމަށް އެ ޕޯސްޓުގައި އެދިވަޑައިގެންނެވި އެވެ.
އޭގެ ފަހުން ވެސް ބައެއް ނޫސްތަކުގައި އެގޮތަށް ހަބަރު ޖަހަމުންދާތީ ޑރ. ޝަހީމް ވަނީ ދެވަނަ ޕޯސްޓެއް ކުރައްވާފަ އެވެ. އަދި މިފަހަރު ވެސް ތަކުރާރުކޮށް ވިދާޅުވީ ދަރިކަލުން އުޅުއްވަނީ މެލޭޝިއާ އެމްބަސީގެ ވަޒީފާއެއްގައި ނޫން ކަމަށެވެ.
"ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔާ މީހުން މިތިބެނީ ކިހިނެއްވެފަބާއޭ ހިތަށްއަރާ. ތަކުރާރުކޮށް ބުނަމުން މިދަނީ އަހަރެންގެ ދަރިއަކު މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާއެއްގައެއް ނުހުންނާނޭ. ނުހުންނާނޭ، ނުހުންނާނޭ،" ޑރ. ޝަހީމްގެ ފޭސްބުކް ޕޯސްޓުގައިވެ އެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ. ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާކޮށްފައި ވެ އެވެ.