އެއްވެސް ގާބިލު ކަމެއް ނެތް ސަރުކާރުގެ ކުންފުނިތަކަށް ރަށް ރަށުގައި ހިނގާ ޕްރޮޖެކްޓްތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް އެ ފުރުސަތު ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރަށްރަށުގައި ހިނގާ ތަރައްގީގެ ކުދިކުދި މަޝްރޫއުތައްވެސް ސަރުކާރުގެ އެކިއެކި ކުންފުނިތަކާ ހަވާލު ކުރުމުން އަމިއްލަ ކުންފުނިތަކުން އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރަމުންދާ މިދަނޑިވަޅުގައި ޝާހިދު ވިދާޅުވީ، ސަރުކާރުން އެގޮތަށް އަމަލު ކުރުމުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވުމާއި ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ.
"ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލު ނުކޮށް, ދައުލަތުގެ ކުންފުނިތަކަށް އެކަނި މަޝްރޫޢުތައް ހަވާލު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުން. އަދިހަމައެއާއެކު ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ ދަރަނިވެ، މިދަނީ ބަގުރޫޓުވާ ހިސާބަށް" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރަށް ޝާހިދު އިލްތިމާސް ކުރެއްވީ މިހާރު ގެންގުޅޭ އުސޫލްތައް ދޫކޮށް އަމިއްލަ ކުންފުނިތަކަށް އެފުރުސަތު ހުޅުވާލައިގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށެވެ. އަމިއްލަ ކުންފުނިތަކަށް އާންމުދަނީ ލިބޭނެ މަގު ހަނި ވުމާއެކު އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށްކޮށް، ރައްޔިތުންގެ ހާލަތު ވަރަށް ދަތި އުނދަގޫ ހާލަތަކަށް ގޮސްފައިވާ ކަންވެސް ޝާހިދު ފާހަގަ ކުރެއްވި އެވެ.
"މި ނާޒުކު ވަގުތުގައި މާލީ ޤާބިލްކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫޢުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބޭގޮތް ހަދާ، އާންމު ރައްޔިތުން މި ދަތި ހާލުން ސަލާމަތްކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިފަދައިން ވިދާޅުވި އިރު ދާދިފަހުންވެސް ސަރުކާރުން ވަނީ ބަޔެއް ރަށްރަށުގެ ސްކޫލްގައި ކްލާސް ރޫމްތައް އިމާރާތް ކުރުންވެސް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މީގެއިތުރުންވެސް ރަށްރަށުގައި ހިނގާ ބަޔެއް މަޝްރޫއުތައްވެސް އަމިއްލަ ކުންފުނިތަކާ ހަވާލުނުކޮށް ސަރުކާރުގެ ކުންފުނިތަކާ ހަވާލު ކުރުން މިހާރު ވަނީ އާންމުވެފަ އެވެ.