ގޮއިދޫ ފަޅުތެރޭގައި ރިސޯޓް ހަދަން މި މަހު ހަވާލުކުރަނީ

ގޮއިދޫ ފަޅުތެރޭގައި ރިސޯޓް ހަދަން މި މަހު ހަވާލުކުރަނީ

ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް މި މަހު ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

ގޮައިދޫއަށް 12 ވައުދެއް ވެވަޑައިގެންނެވިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ހުރިހާ ވައުދުތަކެއް ފުއްދަވަވާނެ ކަމަށެވެ. އަދި ޔަގީންކަން ދެއްވީ މި އަހަރުގެ ތެރޭގައި އެ ހުރިހާ ވައުދުތަކެއް ފުއްދުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

އެގޮތުން ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް މި މަހު ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ބަޔަކަށް ބިޑު އެވޯޑު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރިސޯޓު ތަރައްގީ ކުރުމަށް ސޮއި ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ރަށަށް ސީޕްލޭންގެ ހިދުމަތް ފެށުމަކީވެސް ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ. އެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބަނދަރަށް ސީޕްލޭން ވަދެވޭ ވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގް މަރުހަލާގައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން;

* އޭޓީއެމްގެ ހިދުމަތް ފަށާފައިވާކަން ފާހަގަ ކުރެއްވި

* ސްކޫލްގެ ޖާގަ އިތުރުކުރުން

* ސުކޫލްގެ ވަސީލަތްތައް އިތުރުކުރުން

* ގޮައިދޫ ކަރަންޓް މައްސަލަ ހައްލުކޮށް ދިނުން

* ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ގާއިމުކުރުން

* ފުޓްބޯލަ ދަނޑު ތަރައްގީ ކުރުން

* ޔޫތު ސެންޓަރު އިމާރާތް ކުރުން

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ކަމަށެވެ. އެ މަސައްކަތްތައް މި އަހަރު ފެށި ކުރިއަށް އޮތް އަހަރުތަކުގައި ނިމި އެކަންކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *