- ދަރަންޏާބެހޭ ގޮތުން ވަޒީރުން ބަހުސް ކުރަންވާނީ ކުރީގެ ރައީސުންނާއި މިހާރުގެ ރައީސްވެސް ބައިންދައިންގެން: މޫސަ
ރައްޔިތުންގެ ނަމުގައި ލޯނު ނަގައި، ވިޔަފާރީގެ ޓެކްސް ބޮޑު ކުރަމުން ގެންދަނީ ވެރިކަންކުރާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ދަރަންޏަކީ ދިވެހި ރައްޔަތުންގެ ބޮލުގަ އެޅިފައި އޮންނަ އެއްޗެއް ކަމަށެވެ. އަދި ސަރުކާރެއްގާތިބެ ބާރުވެރިކަމާއެކު ރައްޔަތުންގެ ނަމުގައި ލޯނުނަގައި، ވިޔަފާރީގެ ޓެކްސްތަށް ބޮޑު ކުރަނީ ޕާޓީއަށް މަޖުލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުން ކަމަށެވެ.
"ވެރިކަން ނިމިގެން ސަރުކާރު ބަދަލުވާއިރު ދަރަނީގެ ތަފްސީލެއް އެއްސަރުކާރަކުންވެސް ހާމައެއް ނުކުރޭ، މަޖުލީހަކުންވެސް އެކަމެއް ނުކުރޭ!" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ސަރުކާރު ތަކުން ރައްޔިތުން ދަރުވާލަނީ ރައްޔިތުން ކައިރީގައި އަހާފައި ނޫން ކަމަށާއި، އެހެންވެ އެކަމުގައި ސިޔާސީ ބަހުސަކަށް ވަޒީރުން ދިއުމުގެ ކުރިން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ވެރިކަން ކުރަނީ ރައީސުލްޖުމްހޫރިއްޔާތޯ ނޫނީ އިކޮނޮމިކް މިނިސްޓަރުތޯ، ނޫނީ ފިނޭންސް މިނިސްޓަރުތޯ ސުވާލު އުފެދޭ ކަމަށެވެ.
"ޤާނޫނުއަސާސީގެ ފަސްވަނަ ބާބުގެ 132ވަނަ މާއްދާގައި ވަރައްސާފުކޮށް ވަޒީރެއްގެ ޒިއްމާ އާއި މަސްއޫލިއްޔަތު ކަނޑައަޅާފައި އޮންނައިރު ސަރުކާރެއްނިމި، އަނެއް ސަރުކާރެއް ފެށިގެން ހިނގަން ފެށީމާ ކަަލަގޮވާ އުސޫލުން ބައިހަދާފަ ދެ ސަރުކާރުގެ ވަޒީރުން ނުކުމެ ބަޙުސް ކުރަން ވާނީ ކުރީގެ ރައީސާއި މިހާރުގެ ރައީސްވެސް ބައިތިއްބައިގެން" މޫސަ ވިދާޅުވިއެވެ.
"އޭރުން ރައްޔިތުންނަށް ރައީސުންނާ ސުވާލު ކުރެވޭނެ. މީނަ ވަޒީރަކަށް ހުރެގެން ކޮށްފަހުރީ، ނުވަތަ ކުރަމުން އެގެންދަނީ ، ރައީސްމީހާ ބުނާހާ ކަމެއްތޯ؟ އެހެން ނޫނީ ހީވާކަލަހަލަ ޤާނޫނުއަސާސީގެ 115 މާއްދާއިން ވެރިކަން ލިބިފަ މިތިބީ ވަޒީރުންނަށޭ" މޫސަ ވިދާޅުވިއެވެ.