އޮގަސްޓު މަހުގެ 7 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ގާނޫނު އަސާސީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ގާނޫނު އަސާސީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ، މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވެވި ދުވަހަކީ 7 އޮގަސްޓް 2008 ކަމުގައި ވާތީއެވެ.
އެގޮތުން، ލިޔެވިފައިވާ ގާނޫނުއަސާސީއެއްގެ ދަށުން، ދިވެހިރާއްޖޭގެ ދުސްތޫރީ ކަންކަން ހިންގަން ފަށާފައިވަނީ، 1932 ވަނަ އަހަރު އެކުލަވާލި ފުރަތަމަ ފާނޫނުއަސާސީއާ ހަމައިންނެވެ. 92 މާއްދާގެ މައްޗަށް އެކުލެވޭ އެ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި، ހިންގުމުގެ ނިޒާމާއި، ގާނޫނު ހަދާ މަޖިލީހާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
އެއަށްފަހު، ދިވެހިރާއްޖޭގައި ދެވަނަ ގާނޫނުއަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުނީ، 1934 ވަނަ އަހަރުގައެވެ. ދެވަނަ ގަނޫނުއަސާސީއަށް 1937 ވަނަ އަހަރު އިސްލާހުތަކެއް ގެނައުމަށްފަހު، 17 މާއްދާގެ މައްޗަށް އެކުލެވޭ "ކުޑަ ގާނޫނުއަސާސީ" އެއް 1942 ވަނަ އަހަރު އިއުލާންކުރެވުނެވެ. އަދި އެއަށްފަހު، އެ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށްފަހު 70 މާއްދާގެ މައްޗަށް އެކުލެވޭ އާ ގާނޫނުއަސާސީއެއް 1951 ވަނަ އަހަރު ޝާއިއުކުރެވުނެވެ.
1952 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ދިވެހި ޖުމްހޫރިއްޔަތެއް ގާއިމްކުރި ގާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާފައިވަނީ 1953 ވަނަ އަހަރުގައެވެ. އެ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް އައިސް، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ރަސްކަމަށް ރުއުޢަވުމާއެކު، 1954 ވަނަ އަހަރުގައި އާ ގާނޫނުއަސާސީއަކަށް އަމަލުކުރަން ފެށިއެވެ. އޭގެ ފަހުން 1964 ވަނަ އަހަރު އަދި 1967 ވަނަ އަހަރުވެސް އާ ގާނޫނުއަސާސީތަކެއް އިއުލާންކުރެވި އެ މައްޗަށް އަމަލުކުރަން ފެށުނުކަން ފެންނަން އެބަ އޮތެވެ.
އެގޮތުން، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ގާއިމްވެގެން ދިއުމަށްފަހު، 1968 ވަނަ އަހަރު މުޅިން އާ ޤާނޫނުއަސާސީއަކަށް އަމަލުކުރަން ފެށުނެވެ. މި ގާނޫނުއަސާސީއަކީ ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ގާނޫނުއަސާސީއެވެ. މި ގާނޫނުއަސާސީއަށް 3 ފަހަރެއްގެ މަތިން ބަދަލު ގެނެވުނެވެ. މި ދެންނެވުނު ބަދަލުތައް ގެނެވުނީ 1970، 1972، އަދި 1975 ވަނަ އަހަރުއެވެ.
އެއަށްފަހު، 17 އަހަރުދުވަހުގެ މަސައްކަތުން އެކުލަވާލެވުނު ގާނޫނުއަސާސީ، އާންމުކޮށް "ނޫ ގާނޫނުއަސާސީ" ކަމަށް އިޝާރާތްކުރާ ގާނޫނުއަސާސީއަށް 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފެށުނެވެ.
ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އިސްލާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ. އަދި ހަމަ އެ އަހަރު، ގާނޫނުއަސާސީ އިސްލާޙުކުރުމަށްޓަކައި ރައްޔިތުންގެ ހާއްސަ މަޖިލީހެއް އެކުލަވައިލެވުނެވެ.
އެގޮތުން، ރައްޔިތުންގެ ހާއްސަ މަޖިލީހުން އެކުލަވާލައި، މިހާރު ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ "ފެހި ގާނޫނުއަސާސީ" ތަސްދީގު ކުރައްވާފައިވަނީ 7 އޮގަސްޓް 2008 ގައެވެ. މި ގާނޫނުއަސާސީ ގައި، މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގެ ހަމަތަކާއެއްގޮތަށް ދައުލަތް ހިންގުމުގެ އުސޫލުތަކާއި، ދައުލަތުގެ އެއްބާރުން އަނެއްބާރަށް ފާރަވެރިވުމުގެ ޗެކް-އެންޑް-ބެލެންސްގެ ހަމަތަކާއި، ދިވެހި ދައުލަތުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގުތަކާއި މިނިވަންކަން ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނުއަސާސީއަށް ޢަމަލުކުރަމުންދާތާ މިހާރު މިވަނީ 17 އަހަރު ފާއިތުވެފައެވެ.