ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ވަޒީފާ އަދާކުރަމުންދިޔަ ދާއިމީ މުވައްޒަފުންތަކެއް ސަސްޕެންޑް ކުރުމުން ހާމަވެގެން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، އެޗްޑީސީގެ ބަޔެއް ޑިޕާޓްމަންޓްތަކުގެ ވެރިންތަކެއް އެމީހުންގެ މަގާމުގެ ޒިންމާތަކުން އެކަހެރި ކުރުމާއި ގުޅިގެންނެވެ. އެޗްޑީސީގެ 5 ޑިޕާޓްމަންޓެއްގެ 5 ވެރިޔަކު ވަނީ މަގާމުގެ ޒިންމާތަކުން ދުރުކޮށްފައިވެއެވެ. އެކަމާއި ގުޅިގެން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ލިސްޓަކަށް އެޗްޑީސީގައި ވަޒީފާ އަދާކުރަމުން ދިޔަ އެ ފަސް މުއައްޒަފުން ސަސްޕެންޑް ކުރިއިރު މީގެކުރިންވެސް މި ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދާއިމީ މުއައްޒަފުން ތަކެއްވެސް ހަމަ މިގޮތަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، ވަޒީފާގެ ބިރަށް ރައްޔިތުން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
"ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން މި ރައްޔިތުން ފަހަތަށް ޖެއްސޭނެ ކަމަށް ހީފުޅު ކުރެއްވުމަކީ ގޯހެއް." ޝާހިދު ވިދާޅުވިއެވެ.
އެޗްޑީސީގެ ސީނިއަރ ބޭފުޅަކުވެސް މީޑިޔާގައި ވަނީ ފަސް ވެރިޔަކު މަގާމުގެ ޒިންމާއިން އެކަހެރި ކުރިކަން ޔަގީންކޮށްދީފައެވެ. ނަމަވެސް އެފަދަ ފިޔަވަޅުތަކެއް އެ ފަސް ވެރިންނަށް އެޅި ސަބަބެއް އެ ކުންފުނިންވެސް ހާމައެއް ނުކުރެއެވެ. އެކަމަކު އެ މުވައްޒަފުންނަށް ކުރިން ދީފައިވާ ހުރިހާ އެކްސެސްތަކެއްވެސް މިހާރު ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެޗްޑީސީގެ ބަޔެއް ޑިޕާޓްމަންޓްތަކުގެ ހެޑުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި މިކުރީ އެ ކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި މައުރޫފް ޖަމީލް ދާދިފަހުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެ ކުންފުނީގެ އާ އެމްޑީއަކަށް އަލީ ޒުހައިރު އައްޔަން ކުރެއްވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.