ޓެކުހާ ބެހޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެރި ބާރުތަކެއްދޭން، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
ގާނޫނަށް މި އިސްލާހުތައް ގެނައުމުގެ މަގުސަދެއްކަމަށް ބިލުގައި ބުނެފައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ދިނުމާއި، އެކަމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމެވެ. އަދި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތްތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބޭ ފައިސާއެއް އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ އިހްތިޔާރު ބަނޑާރަނައިބުގެ ބަދަލުގައި ދީފައިވަނީ މީރާއަށެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް މި ބިލުން ވަނީ މީރާ އަށް ދީފައެވެ.
އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް، ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވެސް ވަނީ ހުށަހަޅައިފައެވެ.
މީރާގައި އޮންނަ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެތަނުން ފޮނުވާ ނޯޓިހެއް ނުވަތަ ލިޔުމެއް އެ ލިއުން ފޮނުވާ ތާރީހުން ފެށިގެން، އެ ފަރާތަށް ލިއުން ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅަންވެސް ބިލްގައި ހިމަނާފައިވެއެވެ.
މި ބިލުގައި ޓެކުހާ ގުޅޭ އާ ކުށްތަކެއް ގާނޫނުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.
އެ ގޮތުން ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމަނަން ހުއްދަ ދިނުމާއި އޭގައި ހިމަނަންޖެހޭ މައުލޫމާތެއް ނުހިމަމަން ހުއްދަ ދިނުނުމާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުން ހުއްދަކުރުމަކީ ކުށެއްކަމަށްވަނީ ހިމަނައިފައެވެ. ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުމަށް ހުއްދަކުރުމަކީވެސް ކުށެއްކަމަށް ވަނީ ހިމަނައިފައެވެ.
ބިލްގައި މި ކުށްތައް ހިމަނާފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ގޮތުގައެވެ.
ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަ ގޮތުން މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެކުށް، މި ބިލުގައިވަނީ ތިންމަސްދުވަހާއި ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފައެވެ.
ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށުގެ ބަޔަށް މި ބިލުން ބަދަލުގެނަސްފައިވާއިރު، ޓެކްސް ބަޔާނާއި، ބަޔާނާއެކީ ހުށައަޅަންޖެހޭނެކަމަށް ގާނޫނުތަކާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކުހާ ގުޅޭގޮތުން ހުށައަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުމަކީކުށެއްކަމަށްވެސް ވަނީ ހިމަނައިފައެވެ.
ބިލުގައިވާގޮތުން މި ގާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ނުވަތަ ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުމަކީވެސް ކުށެކެވެ.
މިހާރު ގާނޫގައި އޮންނަނީ، ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާ މެދު ގާނޫނުން ހުއްދަކުރާ ފިޔަވަޅެއް އެޅޭނީ އެ ކުށްކުރި ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަސްވުމުންނެވެ.
ނަމަވެސް އެގޮތް ބަދަލުކޮށް، މިހާރު ހުށަހަލާފައިވާ ބިލާއި، ޓެކްސް ބަޔާނުގެ އިތުރުން ޓެކްސް ބަޔާނާއެކީ ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓްރީ ނުކުރުމާއި، ޓެކްސް ދައްކަންޖެހޭ ފަރާތުން، ދައްކަންޖެހޭ ދުވަހަށް ޓެކްސް ނުދެއްކުންފަދަ ކަމެއްކޮށްފިނަމަ، ފިޔަވަޅު އެޅުމަށް ގާނޫނުގައި މިހާރު އޮންނަ ދެ އަހަރު ދުވަހުގެ މުއްދަތުން އިސްތިސްނާވެއެެވެ.
މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަނޑައަލާންވްެްސްބިލްގައިވަނީ ހިމަނައިފައެވެ.