ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަރުކާރުން އެރުވިތާ 9 ދުވަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރަސްމީކޮށް ގާސިމަށް މަރުޙަބާ ދަނަވައި ލިޔުމެއް ނެރެފިއެވެ.
މަޖިލީހުގެ އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ގާސިމަށް ރަސްމީކޮށް މަރުޙަބާ ދަންނަވައި، ޕޯސްޓެއް ކޮށްފައި ވަނީ އިއްޔެ (4 އޮގަސްޓް 2025) ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެއީ މީގެ 15 ވަރަކަށް ގަޑިއިރު ކުރިއެވެ. ނަމަވެސް ގާސިމް އިބްރާހީމަށް ސަރުކާރުން އިއްޒަތް އަރުވާފައި ވަނީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހު އޮތް ރަސްމިއްޔާތެއްގައެވެ.
ގާސިމް އިބްރާހީމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައިވެސް ގިނަ އަހަރު ތަކެއްގައި ދެމި ހުންނެވި މެމްބަރެކެވެ. ގާސިމަކީ މިވަގުތު މަޖިލީހުގައި ތިއްބެވި އެންމެ ސީނިއަރ މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ. އެގޮތުން ގާސިމް ވަނީ 1 ނޮވެންބަރު 2018 އިން 27 މެއި 2019 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. ހަމައެއާއެކު ގާސިމަކީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރުމަށް އަމަލު ކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެއްވެސްމެ އެވެ. އެހެންނަމަވެސް ގާސިމް އިބްރާހީމްއަށް މަޖިލީހުގެ އިދާރާއިން މަރުޙަބާ ދެންނަވައި ޕޯސްޓެއް މި ކުރީ އިއްޒަތް އެރުވިތާ ބަރާބަރު 9 ދުވަސް ފަހުންކަން ފާހަގަ ކުރެވެއެވެ. ގާސިމް ފަދަ ބޭފުޅަކަށް މަރުހަބާ ދެންނެވުމުގައި މަޖިލީހުގެ އިދާރާއިން ނުވަ ދުވަސް ފަހަތަށް ދިޔަނަމަވެސް، މާމިގިލީ ދާއިރާގެ މެމްބަރު ކަމުގައި މިވަގުތުވެސް ހުންނެވި ގާސިމަށް 27 ޖުލައިގައި އިއްޒަތް އެރުވުމާއެކު ހަމަ އެދުވަހު ގިނަ ފަރާތްތަކަކުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް ގާސިމަށް އެރުވީ ވިޔަފާރީގެ ދާއިރާއިންނެވެ. ގާސިމަށް އެ ލަގަބު އަރުވައި ދެއްވީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހު ބޭއްވި މިނިވަންދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ގާސިމް ވަނީ ސަރުކާރުގެ ތަފާތު ވަޒީފާތައް އެކިދުވަސްވަރު އަދާކުރައްވާފަ އެވެ. އެގޮތުން 1969 ވަނަ އަހަރު ތައުލީމީ މަރުޙަލާ ނިންމުމަށްފަހު ސަރުކާރުގެ ހިދުމަތަށް ވަދެވަޑައިގެން ސަރުކާރާއި ގުޅިވަޑައިގަތީ މާލޭގައި ހުރި ގަވަމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާއިންނެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު ގާސިމްގެ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. އެއަށްފަހު 1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި އަމިއްލަ މަސައްކަތުގެ ދާއިރާއަށް ވެދެވަޑައިގެންނެވި އެވެ.
އެއަށްފަހު ގާސިމް ވަނީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ދެއަހަރެއްވަރު އަދާކުރައްވާފަ އެވެ. ގާސިމް ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ އޮގަސްޓް 18، 2005 ގަ އެވެ. ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ޖުލައި 10، 2008 ގަ އެވެ.
ގާސިމް ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު އުފެއްދި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އޮގަސްޓް 07، 2008 ގަ އެވެ. އަދި އެޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ލީޑަރަކަށް ގާސިމް ހޮވިވަޑައިގަތެވެ. އެ ފަހުން ބޭއްވި ގިނަ ރިޔާސީ އިންތިހާބު ތަކުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމެވެ.
ގާސިމް ވަނީ 2008، 2013 އަދި 2023 ގައިވެސް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވައިފަ އެވެ. އަދި ގިނަ އިންތިހާބު ތަކުގައި ރައީސް ކަމަށް ބޭފުޅުން ހޮވިވަޑައިގަތީވެސް ގާސިމްގެ ތާއިދާއެކުގަ އެވެ.