ސިހުރު ހެދުމަށް ހިތްވަރު ދެމުންދާ ފޭސްބުކު ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ސިހުރު ހަދައިދީ އެކަމަށް ހިތްވަރުދީ މައުލޫމާތު އާންމު ކުރަމުންދާ ޕޭޖު ތަކެއްގެ މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ސިހުރު ހަދައިދޭ ކަމަށް ބުނެ އެ ޕޭޖުތައް ސޯޝަލް މީޑިއާގައި ހިންގަމުން ދަނީ މިއަހަރުގެ ޖޫން މަހުން ފެށިގެން ކަމަށެވެ. ސިހުރު ހަދައިދޭ ކަމަށް ބުނެ ގިނަ ޕޭޖު ތަކެއް ފޭސްބުކް ހިންގައި ޕްރޮމޯޓުކޮށް ހަދައެވެ.
އެފަދަ ޕޭޖު ތަކުގައި ސިހުރާއި ފަންޑިތަ އާއި ގުޅުން ހުރި ފޮޓޯ އާއި މައުލޫމާތުތައްވެސް ހިއްސާ ކޮށްފައި ހުރެ އެވެ. އަދި ގުޅޭނެ ފޯނު ނަންބަރުވެސް ހުރެއެވެ.