‏ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައި އޮތް އިސްލާޙު އަނބުރައި ގެންދަން ސޯލިހު ގޮވާލައްވައިފި

‏ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައި އޮތް އިސްލާޙު އަނބުރައި ގެންދަން ސޯލިހު ގޮވާލައްވައިފި

ސަރުކާރުން މިހާރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައި އޮތް އިސްލާޙާމެދު އަލުން ވިސްނައި، އެ އިސްލާޙު އަނބުރައި ގެންދަން ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު، ސަރުކާރަށް ގޮވާލައްވައިފިއެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި ގުޅޭގޮތުން ސަރުކާރުން ހުށަހަޅާފައި އޮތް އިސްލާޙާމެދު ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފެހި ޤާނޫނު އަސާސީއިން ރައްޔިތުންގެ ތަރައްޤީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު  އެއްބަދަލަކީ ލާމަރުކަޒީ ނިޒާމު ޤާއިމުވުން ކަމަށެވެ. އަދި އެއީ އެކި ވެރިކަމުގައި އެ ބާރުތަކާއި ވަޞީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙްތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސްއެކު ފާސްކޮށް ޢަމަލު ކުރަމުން އައި އިޞްލާޙް ތަކެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް. ކޮންމެ ރަށެއްގެ އިޚްތިޞާޞް މިހާރު ކަނޑައެޅި، ދައުލަތުގެ ޢާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުޞޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައިފި. ކައުންސިލްތައް ފުދުންތެރިވާން ފަށައިފި." ރައީސް ސޯލިހު ވިދާޅުވިއެވެ.

ސޯލިހު އިތުރަށް ވިދާޅުވީ، 2019 ވަނައަހަރު ގެނެވުނު އިޞްލާޙް ތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ، މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމަށެވެ. އެހެންވެ ސަރުކާރަށް ރައީސް ސޯލިހު ގޮވާލެއްވީ، އިސްލާޙު އަނބުރައި ގެންދިޔުމަށެވެ.

"މިކަމާމެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތައް އަނބުރާ ގެނދިއުމަށް ގޮވާލަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ކައުންސިލް ތަކުން ދޫކޮށްފައިވާ ތަންތަނުން، ކައުންސިލް ތަކަށް ކުލި ނުނެގޭ ގޮތް ހަދަން ގާނޫނު ހުށަހަޅާފައި އޮތް އިސްލާހެކެވެ.

ލާމަރުކަސީ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، ކައުންސިލް ތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި، އެ ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލް ތަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ނަގާ ފީ ނުވަތަ ކުލި ކަނޑައަޅަން ވާނީ އެ ކައުންސިލް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ދިވެހިރާއްޖޭގެ ޤާނޫނުތަކާ ހިލާފުނުވާ ގޮތުގެމަތިން ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ކައުންސިލް ތަކަށް ފީއާއި ކުލި ނެގޭނެ ދާއިރާތައް ވެސް ގާނޫނުގައި ވަނީ ކަނޑަައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ކަރަންޓުގެ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ، ނަގަންޖެހޭ މަހު ފީ
  • ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
  • މުވާޞަލާތީ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
  • ކުނި ޖަމާކޮށް ރައްކާތެރި ގޮތުގައި ނައްތާލުމަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
  • ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ
  • އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފީ
  • ކައުންސިލްގެ ސަރަޙައްދުގައި އެއްޗެހި އުފައްދައި ވިއްކުމާއި ވިޔަފާރިއާއި ފިހާރައާއި މާރުކޭޓް ގޮޅީގެ އަހަރީ ފީ
  • ޑައިވް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކުގައި ޑައިވް ކުރުމުގެ ފީ
  • ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދު ތަކުގެ ކުލި
  • ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށްރަށާއި ފިނޮޅާއި ހާހަލާއި ގިރީގެ ކުލި
  • ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަން ތަނުގެ ކުލި
  • ކައުންސިލްގެ ޢިމާރާތްތަކާއި މުދަލުގެ ކުލި
  • ކަނޑަށް ޖައްސާ ބޯޓު ފަހަރަށް ކަނޑައެޅިފައިވާ ޕްލެޓްފޯމަށާއި ސަރަޙައްދަށް ނެގޭ ކުލި
  • ބަނދަރު ބޭނުން ކުރުމަށް (ފައްތިއާ، މުދާ އަރުވައި ބޭލުން) ނަގާ ކުލި
  • ނޭޗަރ ޕާކުން ލިބޭ ކުލި

މި މާއްދާގައި ބަޔާން ކޮށްފައިވާ ފީގެ އިތުރުންވެސް ކައުންސިލުން ދޭ ޚިދުމަތަކާ ގުޅިގެން އެ ކައުންސިލުން ކަނޑައަޅާ ފީ މަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ބިލުގައި ވަނީ މި މާއްދާއަށް އަށް އަކުރެއް އިތުރު ކުރަން ހުށަހަޅައިފައެވެ.

އެ އަކުރުގައި ބުނެފައި ވަނީ ރަށު ކައުންސިލް ތަކުން ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކާއި، ކައުންސިލް އިމާރާތްތަކާއި މުދަލުގެ ކުލީގެ ވާހަކަ ގާނޫނުގައި އޮތް ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިން ނުވަތަ އިމާރާތް ތަކުން ކުއްޔެއް ނުނެގޭނެކަމަށެވެ.

މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އާމްދަނީ ކައުންސިލް ތަކަށް ދޫކުރަން ވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާ އުނި ކުރުމަށްފަހު ބާކީވާ ޢަދަދެކެވެ.

މީގެ އިތުރުން ސަރުކާރުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގުއި ދޭންޖެހޭނެ ކަމަށް ގާނޫނުގެ 79 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށްވެސް ބިލްގައި ހިމަނާފައި ވެއެވެ. ގާނޫނުގެ 79 ވަނަ މާއްދާގައި ބުނަނީ، ސަރުކާރުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން، ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 އާ އެއްވަރުގެ އަދަދެއްގެ ފައިސާ ކައުންސިލް ތަކަށް ދޭންޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ %40 އަށްވާ ފައިސާ ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި މާއްދާއަށް ގެންނަ އިސްލާހުގެ ގޮތުގައި ބިލްގައި ހިމަނާފައިވަނީ، އެ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް ވާނަމަ، އެ ޓެކުހަށްވާ ފައިސާ އާއި ކަރަންޓްގެ ހިދުމަތާއި ފެނުގެ ހިދުމަތާއި ފާހާނާއާއ ނަރުދަމާގެ ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސް ދުވަހަށްވުރެ ގިނަދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނި  ކުރުމަށްފަހު ބާކީވާ ފައިސާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *