އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 31 އިން ފެށިގެން އަޝްރަފް އެމްއެމްއޭގެ ހެޑް އޮފް ރިސްކް އެންޑް ކޮމްޕްލަޔަންސް އަށް ބަދަލު ކުރީ އެމްއެމްއޭގެ ހިންހުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ.
ނަމަވެސް އޭނާގެ މަގާމު ވަދަލުކޮށްފައި މިވަނީ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް، ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވެފައިވަނިކޮށެވެ.
މިއީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފު ދުރުކުރި ދެވަނަ ފަހަރެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.