ދައުލަތުގެ ބަޖެޓުން ޖުލައި 17 ވަނަ ދުވަހާއި ހަމައަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %17.9 ދަށްވެއްޖެ އެވެ. ހަރަދަށްވުރެ އާމްދަނީ އިތުރުވެ، ޖުމްލަ ބަޖެޓު 1 ބިލިޔަން ރުފިޔާއިން އަރަނިވެފައިވާކަމަށްވެސް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 23.7 ބިލިޔަން ރުފިޔާ އެވެ. އެހެންކަމުން މިއީ %17.9 ދަށްވުމެކެވެ.
އެންމެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 17.2 ބިލިޔަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުތައްވެސް ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %3.5 ދަށްކުރެވިފަ އެވެ.
ރިކަރަންޓް ހަރަދުތަކުގެ ތެރެއިން 7.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަދިނުމާއި ޕެންޝަނަށެވެ. އަދި 9.9 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށެވެ.
ހަރަދުތަކުގެ ތެރެއިން ކެޕިޓަލް ހަރަދުތައް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ވަނީ %61.4 ދަށްކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.3 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 5.9 ބިލިޔަނުގައިކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ޖުލައި 17 ގެ ނިޔަލަށް ދައުލަތައް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދުވަނީ %7.9 އިތުރުވެފަ އެވެ. މިއަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 20.5 ބިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 19 ބިލިޔަން ރުފިޔާ ކަމަށެވެ.