ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ކުރިމަތި ލައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިމަހު 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.
ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލި ފުރުސަތު މިއަދަށް ވަނީ ހަމަވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުއްދަތު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ ތިން ބޭފުޅުން އެކަންޏެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.






