ރައީސް ޑރ، މުހައްމަދު މުއިއްޒު، އެއާޕޯޓަށް ވަޑައިގެން މަރުހަބާ ދެންނެވުމުން ވަރަށް އުފާވި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ ރާއްޖެ ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މާލެ އާދަވިއްޖެ. އަޅުގަނޑަށް މަރުހަބާ ކިޔުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން" މޯދީ ވިދާޅުވ ިއެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ މިއަދެވެ.
މޯދީ ރާއްޖެ ވަަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.
މިއަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25-26 އަށް ކަމަށެވެ.
”މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ އެވެ.“ ރައީސް އޮފީހުން ބުންޏެވެ.
މޯދީގެ ދަތުރުފުޅުގެ ތެރެއިން އިންޑިއާއިން ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
”މި ދަތުރާއި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ކަމެކެވެ.“ ރައީސް އޮފީހުން ބުންޏެވެ.
މިއީ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މޯދީ ބައިވެރިވެވަޑައިގަންނަވާ އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 7، 2024، ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.